ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގަވައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ ހަފުތާގައި ދޭން އީސީން ނިންމާފައިވާކަން އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވާ ފަރާތަށް އަންގާފައިވާ ކަމަށެވެ.

"އެގޮތުން އެޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޒް ޙަސަން ލަތީފަށް މިހާރުވާނީ އެކަން ދަންނަވާފައި،" ހަބީބު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި، މޭ 21 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ޕާޓީ ރަޖިސްޓްރީކުރަން 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ދަ ޑިމޮކްރެޓްސް އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުން ލަސްވާތީ އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މީގެ ކުރިންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްވެފައެއް ނުވެ އެވެ.