ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު ޕީޕިއެމް ކޯލިޝަނާއި ދަ ޑިމޮކްރެޓްސް ގުޅިގެން ރަސްމީކޮސް މަސައްކަތްތައް ފަށައިފި އެވެ.

ޕީޕީއެމް ކޯލިޝަނާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުމަށް މިއަދު ހެނދުނު ވަނީ އޯޝަން ލައިބްރަރީގައި މަޝްވަރަތައް ފަށާފަ އެވެ. އަދި އެކުގައި މަސައްކަތް ކުރުމަށް ވަނީ ހާއްސަ މަންދޫބުންތަކެއް ވެސް ނަގާފަ އެވެ.

އޭގެ ތެރޭގައި

  • ޕީޕީއެމް / ޕީއެންސީގެ މަންދޫބުން ނަކީ
  • ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
  • މަހިބަދޫ ދާއިރާގެ މެންބަރު- އަހްމަދު ތޯރިގް
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް
  • ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު
  • މުހައްމަދު ހުސައިން ޝަރީފް (މުންދު)

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީށް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ސޯލިހު ވެރިކަމުން ބޭލުމަށް ޑިމޮކްރެޓްސްއާއެކު ގުޅިގެން މަސައްކަތްތައް ރަސްމީކޮށް ފެށިފައިވާ ކަމަށެވެ. މިކަމުގެ މަޝްވަރަތައް ސިލްސިލާކޮސް ކުރިއަށް ދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރުން ވައުދުގެ ރައްޔިތުންނާ ހަމަޔަށް ގެނެސްދެން ބުނި އެއްވެސް ކަމެއް ގެނެސްދެމުން ނުދާތީ އެކަމުގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"ރައްޔިތުންނަށް އޭގެން ގެއްލުންވާތީ ހާއްސަކޮށް ދިވެހިރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް މިސަރުކާރުން ކުރާތީ، ސަރުކާރެއްގެ އެއްވެސް ސިފައެއް ނެތް މިސަރުކާރަކު، ސަރުކާރު ނިންމުމަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވީހާވެސް އަވަހަށް ކުރަންޖެހޭ އެމަސައްކަތް ފެށިގެން މިދަނީ،" ޝީޔާމް ވިދާޅުވި އެވެ.

ޕީޕީއެމް ކޯލިޝަނާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް މިއަދު ބޭއްވި މަޝްވަރާ

މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޕީޕީއެމްއާއި އެކު މަސައްކަތް ކުރަނީ ދެ ޕާޓީ އިންވެސް ގަބޫލުކުރާ ހަމަތަކެއްގެ މަތިން ކަމަށެވެ. މިސަރުކާރު ނިމުމަކަށް ގެންނަން ޖެހޭ ކަމަށާ ސަރުކާރު ނިމުމަކަށް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ދެމިއޮންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މަޝްވަރާ ބައްދަލުވުންތަކަށް ދަ ޑިމޮކްރެޓްސްގެ މަންދޫބުންނަކީ:

މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ

ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޕާޓީ އެކުގައި ރިޔާސީ ކެންޑިޑޭޓެއް ނެރެންތޯ ސުވާލު ކުރުމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން އަންނަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ޖޮއިންޓު ޕީޖީ ގުރޫޕެއް ހަދައިގެން އެއްކޮށް މަސައްކަތް ކުރަމުންނެވެ.