އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ނަމަވެސް، އަހަރެމެން އީދު ފާގަކުރަން ވާނީ އެހެން މީހުން އީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެން ނޫން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ އީދު ހުތުބަގައި ބުނީ އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށާ އީދުގެ އުފާ ފާޅުކުރަން ވާނީ ﷲ ކަނޑައެޅުއްވި އިމުގެ ތެރޭގައި ކަމަށެވެ. އަދި ކުޅިވަރު ކުޅުމާއި އުފާ ފާޅުކުރުމާއި ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެއް ކަމަށް ހުތުބާގައި ބުންޏެވެ.

އިބްރާހީމްގެ ފަނުންގެ ދަރިކަލުން އިސްމާއީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި އެއީ ދަރީން މައިންބަފައިންނަށް ކިޔަމަން ގަންނަން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށް ވެސް އީދު ހުތުބާގައި ބުނެފައިވެ އެވެ. އަދި އީދު ދުވަހު އުޟުހިޔާ ކަތިލާ ހިނދު އަހަރެމެން ހަނދާނަށް ގެނެސްދެނީ މިމަތިވެރި ޒިކްރާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މިއަދު އީދު ފާހަގަ ކުރާ އިރު އިބްރާހީމްގެފާނާއި އިސްމާއީލްގެފަނުގެ ގުރުބާނީން ދަރުސްތަކެއް ލިބިގަންނަން ޖެހޭ ކަމަށް ހުތުބާގައި ގޮވާލާފައިވެ އެވެ. އަދި ﷲ ގެ ވަޖްހުފުޅަށްޓަކާ ހޭދަކުރުމުގެ ދަރުސާއި ﷲ ގެ ވަޖްހުފުޅަށްޓަކާ ކެތްތެރިވުމުގެ ދަރުސްކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އިސްލާމީ އުންމަތް ކުރިއަރާނީ ކިޔަމަންތެރިކަން އިސްކޮށްގެން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

އަޟްހާ އީދު އެބޭކަލަކަށްޓަކައި ހާއްސަ ކުރެއްވި އިބްރާހީމްގެފާނަށް އިސްމާއީލްގެފަނު ގުރުބާންކުރެއްވުމަށް ﷲ ވަހީ ކުރެއްވި ހިނދު ކަން ހިނގި ގޮތް ހުތުބަގައި ވަނީ ތަފްސީލް ކޮށްދީފަ އެވެ. އަދި އެކަންކަމުން އިބުރަތް ހާސިލްކޮށް ހެޔޮ އަމަލުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

މިއަހަރު ވެސް ވަނީ މާލޭގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ނަމާދުކޮށްފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި ވަނީ އީދު ނަމާދުކޮށްފަ އެވެ.

އެގޮތުން މާލޭގައި ބޮޑު ޖަމާއަތް އޮތީ މާފަންނު ސްޓޭޑިއަމްގަ އެވެ. ވިލިމާލޭގައި ބޮޑު ޖަމާއަތް އޮތީ ވިލިމާލެ ބޯޅަ ދަނޑުގަ އެވެ. ހުޅުމާލެ ބޮޑު ޖަމާއަތް އޮތީ ސިންތަޓިކް ޓްރެކްގައާއި ހުޅުމާލެ ފޭސް ދޭއް ގައި ބޮޑު ޖަމާއަތުގައި ނަމާދުކޮށްފައި ވަނީ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.