މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން ސަލްޓަން ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.

ސަލްޓަން ޕާކުގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.

ކުޑަކުދިންގެ ހަވީރުގައި ކުރެހުމާއި ކުލަޖެއްސުމާއި، މިނޫންވެސް ފަންނުވެރިކަމާ ގުޅޭ ޙަރަކާތްތައް ކުރިއަށްދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

މާލެސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި ހަވީރަކީ މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ހަވީރެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިހަވީރަކީ އާޓް އެންޑް ކްރާފްޓްގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރިކުރުވުމާއެކު މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް ޢާއިލާ އާއެކު އަޟްހާ އީދު އުފާވެރި އީދެއްގޮތުގައި ފާހަގަކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

މި ހަވީރުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރި ވަޑައިގަންނަވާނެ އެވެ.

މާލެ ސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން މީގެ ކުރިން ވެސް ސަލްޓަން ޕާކުގައި ވަނީ މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ ބޮޑެތި މަގުތަކާއި ވިލިމާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާފަ އެވެ.

މީގެ އިތުރުން އަޟްޙާ އީދު ފާހަގަކުރުމުގެ ގޮތުން އީދު ނަމާދަށްފަހު ސަލްޓަންޕާކު ސަރަޙައްދުގައި ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އީދު ސަޔަށްފަހު އުރީދޫ އާއި މާލެސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ އުޟްހިޔާ ކަތިލުން އުސްފަސްގަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.