ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ނެރެގެން ގޮސް އިމާރާތުގެ ގޯތިތެރެއަށް އަޅައިލައިފި އެވެ. ވަކި ބަޔަކަށް މަޖިލީހަށް ނުވަދެވުމުންނެވެ. އޭރު ހަގީގަތުގައި މަޖިލީހުގެ ޖަލްސާއެއް ނުވެސް ނެތެވެ.
މަޖިލިސް އޮތީ ކުރިޔަށް ގެންދެވޭނެ ގޮތެއް ނުފެނިގެން ހުއްޓުން އަރައިފަ އެވެ. އެހިސާބަށް އެކަން ދިއުމުގެ ކުރިން ބޭއްވި ދެތިން ބައްދަލުވުމެއްގައި ފެނިގެން ދިޔައީ އެއްބަޔަކު އަނެއް ބަޔަކަށް ހަޑި ހުތުރު ބަހުން ވާހަކަދައްކައި، އެކިއެކި ބަދުނާމާއި އިލްޒާމު އަޅުވަމުންދިޔަ މަންޒަރެވެ. ވަގަށް ގޮވުމާއި ރާ ބޯ ވާހަކަ ފަދަ ބޮޑެތި މުންކަރާތްތަކަށް އަރައިގަންނަ ވާހަކަ ވެސް ފާޅުގައި ދިޔައީ ދައްކަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓި އެއްބަޔަކު އަނެއް ބަޔަކާ ދިމާކޮށް "ގަޔަށް ބޮލަށް އަރައިގަންނަން" މިފަހަރު ޖެހުނު ސަބަބަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކާ މެދު އުފެދުނު ޚިޔާލު ތަފާތުވުމެވެ. އެ ބައިބައިވުމުގެ ތެރެއިން ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާއި ދެބޭފުޅުންނަށް ތާއީދުކުރާ ދެ ގްރޫޕުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމުގައި ރައްޔިތުންގެ މަޖިލީސް ހުއްޓުނީ އެވެ. އެއްކޮޅުން މަޖިލީހުގެ ރައީސާއި ނައިބު ރައީސުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އިރު އަނެއް ކޮޅުން ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅައުފަ އެވެ. އެއްބަޔަކު އަނެއް ބަޔަކަށް "ޖެއްސުމަށް" ދައުލަތުގެ އެންމެ މުހިންމު މުއައްސަސާ ހުއްޓުވައިގެން ތިބެނީ އެވެ.
އެމްޑީޕީ ދެބައިވެގެން އުފެދުނު ދެގްރޫޕުގެ މެދުގައި ތާށިވެ، ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތްއިރު ދެފަރާތުން ވެސް ކުރާ ކަމެއް ކުރާ ކަމުގައި ބުނަނީ ރައްޔިތުންގެ ހައްގުގަ އެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފުއަތު އެ މަގާމުގައި ބަހައްޓައިގެން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެދާނެތީ އޭނާ މަގާމުން ވަކިކުރަން އެއްބަޔަކަށް ކޮންމެހެން މަޖުބޫރު ވެއްޖެ އެވެ. އަނެއް ބަޔަކަށް ފެނުނު ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އެބޭފުޅުންގެ މަގާމުތަކުގައި ބައިތިއްބައިފި ނަމަ ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިދާނެ އެވެ.
މި ވާހަކަތައް އަޑު އަހައި އެމީހަކު އަތް ޖަހާނެ ކޮޅެއް ޚިޔާރުކުރުން ބިނާވެފައި އޮންނަނީ އެ މީހަކު ސަޕޯޓުކުރާ ބަޔަކު ތިބި ކޮޅަކަށެވެ. ދައްކާ ވާހަކައިގެ ހަގީގަތް އެހާ ބޮޑަށް ބަލާ ބަޔަކު އުޅޭ ކަމަށް ނުފެނެ އެވެ.
ރައްޔިތުންގެ މަޖިލީހަކީ ގައުމު ހިންގުމަށް ބޭނުންވާ ގާނޫނުތައް ހެދުމަށް އޮންނަ އިދާރާ އެކެވެ. އޭގެ އިތުރުން ސަރުކާރު ހިނގާ ނުހިނގާ ގޮތް ބަލައި ޒިންމާދާރު ކުރުވުމަކީ ވެސް އެ މަޖިލީހުގެ ޒިންމާއެކެވެ. މަޖިލީހުގައި ތިއްބަވަނީ ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުންނެވެ.
ކޮންމެ މެންބަރަކީ ވެސް ރައްޔިތުންގެ ކުރިމަތީގައި ވަކި ސިޔާސީ ފިކުރަކާއި ވަކި ވައުދުތަކެއް ވިއްކައިގެން އެ މަޖިލީހަށް ހޮވިވަޑައިގެންފައި ހުންނަވާ ބޭފުޅެކެވެ. އެއްވެސް މެންބަރަކީ އެއީ ވަކި ޚާއްސަ މީހަކަށް ވީތީ އެމީހާގެ އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހޮވޭ މީހެއް ނޫނެވެ.
އެހެންކަމުން ރައްޔިތުންނަށް ތިމާ ހޮވިފައިވާ އިދާރާތަކުގެ މެންބަރުންނަށް ޒިންމާ ވާންޖެހޭ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އެޅިފައި އޮވެ އެވެ. އެހެންނަމަވެސް މަޖިލީހަށް ހޮވުމަށް ފަހު އެ ހޮވުނު ހައިސިއްޔަތު ހަނދާން ހުންނަ މަދު ބަޔަކު މަޖިލީހުގައި ތިބި ކަމުގައި ވިޔަސް އެކަން ނޭނގޭ މީހުން ވަރަށް ގިނަ އެވެ. އެފަދަ މެންބަރުން އެ މެންބަރުން މަޖިލީހަށް ހޮވޭ ޕާޓީ ބަދަލު ކުރުން ފަދަ ކަންތައް ކުރާ އިރު އެއީ އަޚުލާގީ ގޮތުން ވެސް ކިހާދަށު ދަރަޖައެއްގެ ކަމެއްކަން ވެސް ވިސަނައިލާ ހެނެއް ހިއެއް ނުވެ އެވެ. އޭގެ އިތުރުން މަޖިލީހުގެ ޖަލްސާތަކުގައި ހަޑި ހުރުރު ބަހުން ވާހަކަ ދައްކާއިރު އެއީ ހޮވުނު ދާއިރާގެ ރައްޔިތުންނަށް ލިބޭ ކިހާ ބޮޑު ހުތުރެއްކަމުގައި ވެސް ވިސްނައެއް ނުލާ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުޅެމުންދާ ބޭކާރު ޑްރާމާތަކުގެ ތެރެއިން އެންމެ ފަހުން މިހިނގަމުންދާ ހައިޖާނުގަނޑަށް ބަލާއިރު ވެސް ފެންނަން އޮތީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ކަންތައްގަނޑެއް އުފައްދައިގެން އެކަންތަކުގެ ތެރޭގައި ވަގުތު ބޭކާރު ކުރަމުން ގެންދާ މަންޒަރެވެ.
މަޖިލީހުގެ ރައީސް ނަޝީދަކީ ފެށުނީއްސުރެ މަޖިލީހުގެ ރިޔާސަތު ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމެއް ނެތި އެމަނިކުފާނު ބޭނުންފުޅު ގޮތަކަށް މަޖިލިސް ހިންގަވާ ބޭފުޅެކެވެ. އެހެނަސް އެމަނިކުފާނުގެ އެ އަމަލުފުޅުތަކަށް ރުހި ތާއީދު ކޮށްގެން ތިބި ބަޔަކު ކުއްލިއަކަށް ތެދުވެ އެމަނިކުފާނު މަގާމުން ވަކިކުރަން ހިފައިލައި މަޖިލިސް ހުއްޓުވުމަކަށް ގެންނަން ޖެހޭ ސަބަބެއް ނެތެވެ. ސަރުކާރުގެ ބަންޑާރަ ނައިބު ކުރައްވާނެ ކަމެއް ކުރައްވާނެ ގޮތަކަށް ކުރައްވައި އޭނާގެ ދައުރު ނިމެން އޮތީ ދެތިން މަސް ދުވަހެވެ. ރައްޔިތުންގެ މަޖިލީހުން ކުއްލިޔަކަށް ހުރިހާ ކަމެއް ހުއްޓާލާފައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ނުކުރެވިގެން އުޅެން ޖެހޭ ސަބަބެއް ވެސް އޮތް ކަމަކަށް ނުފެނެ އެވެ.
ރައްޔިތުންގެ މަޖިލީހަކި އެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ވަރަށް ބޮޑު ޚަރަދު ގޮށްގެން ހިންގާ އިދާރާ އެކެވެ. އެޚަރަދު ކުރަނީ ރައްޔިތުންގެ ފައިސާއިންނެވެ. އެހެންކަމުން އެ މަޖިލީހަކީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ކުރާ ބަޔަކަށް ވާން ޖެހޭ އެވެ. އެހެން ނަމަވެސް ފެންނަ މަންޒަރުތަކުން ސިފަ ވަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ވުރެ އަމިއްލަ މަސްލަހަތަށް އިސްކަންދީގެން މަސައްކަތް ކުރާ ތަނެވެ.
އެކަކު އަނެކަކަށް ހަޑި ހުރުތު ބަހުން މުއާމަލާތު ކުރުމާއި ބޭކާރު ގޮތުގައި މަޖިލީހުގެ ވަގުތު ހޭދަކުރުމާއި އިދާރާގެ މުދަލަށް ގެއްލުން ދިނުން ފަދަ އަމަލު ތަކުން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތެވެ.