ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓަށް 551 ޝަކުވާ ލިބިފައިވާ ކަމަށާ ހުރިހާ ޝަކުވާތަކަކަށް ޖަވާބުދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަސް އިލްކެޝަނުން ވަނީ ދީފަ އެވެ.

އިެލކްޝަންސް ކޮމިޝަނުންބުނީ އެ މުއްދަތުގެ ތެރޭގައި 551 ޝަކުވާ ލިބިފައިވާ ކަމަށެވެ. އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުންގެ ނަންތައް ލިސްޓުގައި އޮވެގެންނެވެ. މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮވެގެން 465 ޝަކުވާއެއް ވަނީ ހުށައަޅާފަ އެވެ.

ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް:

  • މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮވެގެން : 465 ޝަކުވާ
  • އެޑްރެސް ބަދަލުވެގެން: 58 ޝަކުވާ
  • ލިސްޓުގައި ނަން ނެތުމުން: 19 ޝަކުވާ
  • ނަން ބަދަލުވެގެން: 5 ޝަކުވާ
  • ދާއިރާ ބަދަލުވެގެން: 3 ޝަކުވާ
  • އައިޑީކާޑު ބަދަލުވެގެން: 1 ޝަކުވާ

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި އެ ކޮމިޝަނަށް ހުށަހެޅި ހުރިހާ ޝަކުވާއަކަށް ވެސް މިހާރު ޖަވާބުދީފައިވާ ކަމަށެވެ. އަދި ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާ މީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާ ތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށާއި، ވޯޓުލާ މީހުންގެ އެންމެ ފަހުގެ ލިސްޓު ވެސް މި ހަފްތާ ތެރޭގައި އާންމު ކުރާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓްލާން އެދޭ މީހުންނަށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލާނީ ޖުލައި 16 ވަނަ ދުވަހުން އޮގަސްޓް ފަސްވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލާނީ ޖުލައި 16 އިން 29 ގެ ނިޔަލަށެވެ. ޖުލައި 30 އިން ފެށިގެން އޮގަސްޓް ފަހަކަށް ރީ- ރަޖިސްޓްރީ ކުރެވޭނީ ފޯމު ހުށަހަޅައިގެން އެކަންޏެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 282،672 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.