އަޟްހާ ޢީދު ފާހަގަކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް- ޕީއެންސީން ހިންގި ހަރަކާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ މާލި ނެރެފައި ވަނީ ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ކަމަށް ސަރުކަރުން ބުނެފި އެވެ.

ބޮޑު އީދު ފާހަގަ ކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން އިއްޔެ ހަވީރު މާލޭގެ މަގުތަކުގައި ވަނީ އިންޑިއަގެ ބޮޑުވަޒީރުގެ މާލި ނެރެފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަލި ނެރެފައި ވަނީ ނަފްރަތު އުފެއްދުމަށާ އިހްތިރާމް ކުޑަކުރުމަށް ކަމަށެވެ. އަދި އެ އަމަލުތައް ކުށްވެރި ކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުން އާންމުންނަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

އީދު ފާހަގަކުރުމުގެ ނަމުގައި، ރާއްޖެއާ އެންމެ ގާތްގުޅުމެއް އޮންނަ އިންޑީއާއި އިންޑީއާގެ ވެރިންނާއި ދެކޮޅަށް ހިންގި ދަށުދަރަޖައިގެ އަމަލަކީ ހަމައެކަނި ނަފްރަތު އުފައްދަން ހިންގި އަމަލެއް ނޫން ކަމަށެވެ. އަދި އެފަދަ ދެކޮޅުވެރިކަން ދެއްކުމުގެ އަމަލުތަކަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫއެރުވުމުގެ މަގުސަދުގައި ހިންގި އަމަލެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އީދު ފާހަގަ ކުރުމަށް ޕީޕީއެމް ޕީއެންސީން ހިންގި ހަރަކަތުގައި ވަނީ އިންޑީއާ އައުޓް ޖަހާފައިވާ ބެނާތަކާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މާލިތަކާއި އިންޑިއަގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މާލި ނެރެފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިދިކޮޅު ކޯލިޝަނަށް އަމާޒުވެފަ އެވެ.