ސާޖިދު ނަދިއަދްވާލާގެ ބްލޮކްބާސްޓާ ކޮމެޑީ ފްރާންޗައިޒެއް ކަމަށްވާ "ހައުސްފުލް" ގެ ފަސް ވަނަ ފިލްމު އިއުލާނުކޮށްފި އެވެ.

"ހައުސްފުލް 5" ގެ ފުރަތަމަ ޕޯސްޓަރާއެކު ފިލްމު އިއުލާނުކޮށްފައިވަނީ "ހައުސްފުލް" ގެ ހުރިހާ ފިލްމެއްގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރެވެ.

އަކްޝޭ ކުރި ޓްވީޓްގައި ބުނެފައިވަނީ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ނޮވެެމްބަރުގައި ފާހަގަކުރާ ދިވާލީ ގައި ކަމަށެވެ. ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަންގެ "ހައުސްސްފުލް 5" ގެ ޑައިރެކްޝަނާ މި ފަހަރު ހަވާލުވެފައި ވަނީ ތަރުން މަންސުކާނީ އެވެ.

ފުރަތަމަ ފިލްމުން ފެށިގެން ހަތަރު ވަނަ ފިލްމާ ހަމައަށް ވެސް ބަދަލުނުވި ތަރިންނަކީ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް އެވެ.

މިފަހަރުގެ ފިލްމުގައި އަކްޝޭ އިތުރުން ދެން ފެނިގެންދާނެ ތަރިންނަކީ ކޮބައިކަމެއް ފިލްމު އުފައްދާ ފަރާތުން އަދި ހާމަކޮށްފައިނުވެ އެވެ. އެހެން ނަމަވެސް ކޮންމެ ބަޔަކާ އެކީ ވެސް "ހައުސްފުލް" އިން ތަފާތު ބޮޑު ކާސްޓެއް ފެނިގެން ދެ އެވެ.

ހައުސްފުލްގެ ފުރަތަމަ ފިލްމު، 2010 ގައި ރިލީޒްކޮށްފައިވާއިރު އެ ފިލްމުގައި އަކްޝޭ އާއި ރިތޭޝްއާ އެކު ދެން ފެނުނީ ލާރާ ދައްތާ އާއި ދީޕިކާ ޕަޑުކޯނެވެ. އަދި ފިލްމުގެ ދެވަނަ ބައި 2012 ގައި އަދި ތިން ވަނަ ބައި 2016 ގައި ރިލީޒްކުރިއިރު ފިލްމުގެ ހަތަރު ވަނަ ބައި ނެރުނީ 2019 ގަ އެވެ.

"ހައުސް ފުލް 2"ގައި އަކްޝޭ އާއި ރިތޭޝްގެ އިތުރުން ރިޝީ ކަޕޫރާއި ރަންދީރް ކަޕޫރު ވެސް ބައިވެރިވި އެވެ. އަދި "ހައުސް ފުލް 3"ގައި އަބީޝެކް ބައްޗަން ބައިވެރިވި އެވެ.

ފިލްމުގެ ފުރަތަމަ ދެ ބައި ވެސް ސާޖިދު ޚާން ޑައިރެކްޓްކުރިއިރު ތިން ވަނަ ބަޔަކީ ސާޖިދު- ފަރްހާދް ޑައިރެކްޓްކުރި ބައެކެވެ. އަދި ހަތަރު ވަނަ ބައި ސާޖިދު ޚާން ޑައިރެކްޓްކުރާ ގޮތަށް އޮތް ނަމަވެސް އޭނާއަށް އޭރުކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ އެކު ފިލްމު ދޫކޮށްލަން މަޖުބޫރުވީ އެވެ. އެހެންވެ އެބައި ކުރިއަށް ގެންދިޔައީ ފަރްހާދް ސަމްޖީ އެވެ.