ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ އޯޓީޓީ ދެ ވަނަ ސީޒަން ފަށައިގެން މިހާރު ކުރިޔަށް ދާއިރު "ބިގް ބޮސް އޯޓީޓީ 2"ގެ ވެސް ހޯސްޓަކީ ސަލްމާން ޚާނެވެ. މިޝޯއަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިދިޔަ ހަފްތާއަކީ ގިނަ ޑްރާމާތަކެއް ފެނިގެންދިޔަ ހަފްތާއެކެވެ. އަދި ބައެއް ބައިވެރިންގެ މެދުގައި އޮތް އެކުވެރިކަން ނިމި އަނެއް ބައިވެރިންގެ މެދުގައި އެކުވެރިކަންވަނީ އިތުރަށް ބަދަހިވެގެން ގޮސްފަ އެވެ.

މީގެ އިތުރު މިދިޔަ ހަފްތާގައި ވަނީ އެހެން ފަހަރުތަކުގެ ޝޯއިން ނުފެންނަ ކަހަލަ މަންޒަރުތައް ފެނިގެން ގޮސްފަ އެވެ. އަހުލާގީ މިންގަނޑުތަކާއި ހިލާފު ކަންތައްތަކެއް ޝޯގެ ތެރެއިން ހިނގާފައިވާތީ ޝޯގެ ހޯސްޓް ސަލްމާން ވަނީ "ވީކްއެންޑް ކާ ވާރް"ގައި ބައިވެރިންނަށް ނަސޭހަތްތެރިވެފަ އެވެ. އަދި އެފަދަ ކަންތައްތައް ތަކުރާރުކުރާނަމަ އޭނާ އެޝޯ ދޫކޮށްލާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

"ބިގް ބޮސް އޯޓީޓީ" ދެވަނަ ސީޒަންގެ ދެވަނަ ހަފްތާ ނިމިގެންގޮސްފައިވާއިރު މިފަހަރު ބިގްބޮސް ގެއިން ބޭރުވެފައިވަނީ ގިނަ ބަޔަކު ފޭކު ކަމަށް ބުނާ އަކަންޝާ ޕޫރީ އެވެ. ކުރިއަށް އޮތް ހަފްތާ އެލިމިނޭޝަނަށް ޖެޑް ވަނީ ނޯމިނޭޓްވެފަ އެވެ. އޭނާ ނޯމިނޭޓްވީ ބިގްބޮސް ގޭގައި އޭނާގެ އަމަލުތައް ހުރި ގޮތުންނެވެ.

"ބިގް ބޮސް"ގެ ގޭގައި މި ވަގުތު ތިބި ބައިވެރިންގެ ތެރޭގައި ހިމެނެނީ ޖިޔާ ޝަންކަރް، މަނީޝާ ރާނީ، އަބީޗެކް މަލްހާން، ސައިރަސް ބްރޯޗާ، ޕޫޖާ ބަޓް، ފަލަކް ނާޒް އަދި ޖެކް އެވެ.

އަކަންޝާގެ އިތުރުން މިދިޔަ ހަފްތާގައި ވަނީ ކެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަންހެނުން އާލިއާ ސިއްދީގީވެސް ބިގްބޮސް ގެއިން ބޭރުކޮށްލާފަ އެވެ.

ބިގް ބޮސް އޯޓީޓީގެ ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުން ބިގްބޮސް 16 ގައި ބައިވެރިވެފައިވާ އަބްދު ރޯޒިކް ވަނީ ބިގްބޮސް ގެޔަށް ވަދެފަ އެވެ.