ޕޮލިސް ބަޑިޖަހައި މަރާލި ނާހިލް މަރުޒޫގުގެ މަރާ ގުޅިގެން ހިންގަމުން އަންނަ ހަމަނުޖެހުންތައް ކޮންޓުރޯލްކުރުމަށް ފްރާންސްގެ މަގުމައްޗަށް އެ ގައުމުގެ އެންމެ ޚާއްސަ ސިފައިންގެ ކޮމާންޑޯ ނެރެފައިވާއިރު ނާހިލް މަރާލި ގޮތާ ބެހޭ ގޮތުން އޭނާއާއެކު ކާރުގައި ހުރި ދެވަނަ މީހާ ވާހަކަ ދައްކައިފި އެވެ.
ސޯޝަލް މީޑިއާގައި އޭނާ އާންމު ކުރި ބަޔާނެއްގައި ބުނީ އޭނާ އެންމެ ފަހުން ވާހަކަ ދައްކަން ޖެހުނީ އެ ހާދިސާއާ ބެހޭ ގޮތުން ތަފާތު ދޮގުތައް ފެތުރެމުން ދާތީ އެވެ.
ނާހިލް އާއެކު ދަތުރުކުރި ޕަސެންޖަރު ބުނިގޮތުގައި ފުރަތަމަ ޕޮލިސް އޮފިސަރު ނާހިލްގެ ބޮލުގައި ބަޑިޖައްސައިފައި ބުނީ "ހަރަކާތެއް ކޮށްފިނަމަ ބޮލަށް ބަޑި ޖަހާނަން" ކަމަށެވެ. އެއާއެކު ދެވަނަ އޮފިސަރު ބުނިކަމަށް ޕަސިންޖަރު ބުނީ އޭނާގެ ބޮލަށް ބަޑި ޖެހުމަށެވެ. އެއާއެކު ދެވަނަ އޮފިސަރު އައިސް އޭނާގެ ބަޑީގެ މުށްގަޑު ނާހިލްގެ ބޮލުގައި ވިއްދާލުމުން ނާހިލްގެ ފައި ބްރޭކުން ނެގުނީ އެވެ.
އޭނާ ޕަސެންޖަރު ކިޔާ ދިން ގޮތުގައި ދެވަނަ އޮފިސަރު އޭނާގެ ބަޑި ނާހިލްގެ ބޮލަށް ޖެހި ވަގުތު އޭނާގެ ފައި އެކްސެލްރޭޓުގައި ތާށިވުމުން ކާރު ކުރިޔަށް ގޮސް މުޑި އެރީ އެވެ.
ނާހިލްއާއެކު ކާރުގައި އިން ޕަސެންޖަރު ބުނި ގޮތުގައި އެ މީހުން މީހެއްގެ އަތުން ކާރެއް ހޯދައިގެން ދިޔައީ ބުރެއް ޖަހާލުމަށެވެ. އެ ދެމީހުންގެ ތެރެއިން އެކަކު ވެސް ޑްރަގެއް ރަލެއްގެ ބޭނުންކޮށްފައި ނުވާ ކަމަށާއި ރީތިކޮށް ދުއްވަމުން ދަނިކޮށް ފޮލިސް ފަހަތުގައި އަޅުވާލުމުން ބަސް ލޭނަށް އެރީ ކަމަށާއި އެހާ ހިސާބުން ހުއްޓަން އެންގުމުން ކާރު ވަގުތުން ހުއްޓި ކަމުގައި ވެސް އޭނާ ބުންޏެވެ.
މަރުވި ނާހިލްގެ މަންމަ ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެދުވަހު މަސައްކަތަށް ދިޔައީ ނާހިލް ސައިބޯން 20 ޔޫރޯ ދީފަ އެވެ. އޭގެ ގަޑިއެއްހާ އިރު ފަހުން އިވުނީ ނާހިލް މަރުވި ޚަބަރެވެ.
ނާހިލްގެ މަރާ އެކު ފްރާންސްގެ މަގުމަތީގައި ހިންގަން ފެށި ހަމަނުޖެހުން އަދިވެސް ކޮންޓްރޯލެއް ނުވެ އެވެ.
އިއްޔެ އޮތް ނާހީލްގެ ޖަނާޒާ އަށް ފަހު އޭނާގެ މަންމަ ބުނެފައި ވަނީ މިހުރިހާ ކަމެއް ދެން މި ނިމުނީ ކަމަށެވެ. އެހެން ނަމަވެސް ޖަނާޒާއަށް ފަހު މަގުމައްޗަށް ނިކުތް މީހުން ކޮންޓްރޯލް ކުރަން ފްރާންސުން ވަނީ ކޮމާންޑޯގެ ޚާއްސަ ޓީމެއެ ނެރެފަ އެވެ. އެއީ މިވަގުތު މަގުމަތީގައި ހަރަކާތްތެރިވާ 45000 ޕޮލިހުންގެ އިތުރުންނެވެ.
"ފްރާންސްގެ ޕޮލިސް ނާހިލް މަރާލި ހާދިސާ ކާރުގައި ހުރި މީހާގެ ދުލުން" މޮޅު ނޫސްވެރިޔާ......މިސުރުޚީ 50 ފަހަރު ކިޔާބަލަ.