ގިނަ އެކްޝަން ސީކުއެންސްތަކާއެކު ތަފާތު މަންޒަރުތަކެއް ފެންނަ ދިވެހި ފިލްމު "ނީނާ" ގެ ޕްރޮމޯޝަނަލް ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އަންނަ މަހު 6 ގައި އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމާފައިވާ "ނީނާ" ގެ ޕްރޮމޯޝަނަލް ލަވަ "އަލިފާން" ސޯޝަލްމީޑިއާގައި ދޫކޮށްލުމާ އެކު ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފަ އެވެ. ބެލުންތެރިން ވަނީ މިލަވައަށް ތައުރީފުކޮށްފަ އެވެ.

މިއުޒިކް ކޮމްޕޯސަރު މިސްޓީ މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވަ ކިޔާފައި ވަނީ އަންދަލާ ހަލީމް އެވެ.

މި ލަވައިގެ މަންޒަރުތަކުން މިފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ނުޒުހަތު ޝުއައިބު (ނުޒޫ)ގެ އިތުރުން ލަވަކިޔުންތެރިޔާ އަންދަލާވެސް ފެނިގެންދެ އެވެ.

https://www.youtube.com/watch?v=9PxzYO96AHY

މި އަހަރުގެ އެންމެ އުންމީދީ ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ނީނާ" އަކީ 2019 ގެ "ބަވަތި" އަށް ފަހު، ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ.

"ނީނާ" ގެ ކާސްޓުންގެ ތެރޭގައި ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، މަރިޔަމް ރަޝީދާ އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.

ނީނާ ފިލްމުގެ ޕޯސްޓަރާއި ޓުރެއިލާ ޓީޒާ ވެސް ކުރިން ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

"ނީނާ" ފިލްމަކީ ހިއްވަރުގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެއީ ރުޅިގަދަ އެހެންނަމަވެސް އިންސާފަށް ލޯބިކުރާ މީހެއްގެ ބައި ފެނިގެންދާ ފިލްމެކެވެ.