މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަ ނުވާތީ ޖޫރިމަނާ ކޮށްފި އެވެ.

ގުރައިދޫ ދާއިރަގެ ބައި-އިލެކްޝަން އޮތީ މިދިޔަ މަހުގެ 15 ގަ އެވެ. ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކޮށްފައިވެ އެވެ.

އެއީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒް އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.

މި ތިން ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފައި ވާއިރު އެ ކެންޑީޑޭޓުންގެ އިންތިހާބީ އެޖެންޓު ވެސް ޖޫރިމަނާކޮށްފައިވެ އެވެ. ކެންޑިޑޭޓުންނާއި އެޖެންޓުން ޖޫރިމަނާ ކޮށްފައި ވަނީ 6000 ރުފިޔާ އިންނެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ހުރިހާ" އަށް ވިދާޅުވީ ގުރައިދޫ ބައި-އިލެކްޝަންގެ ކެންޑިޑޭޓުންނާ ކެންޑިޑޭޓުންގެ އެޖެންޓުން ޖޫރިމަނާ ކޮށްފަ ވަނީ މަލީ ބަޔާން ހުށަހެޅި އިރު ގާނޫނުގައިވާ ގޮތަށް މާލީ ބަޔާން ފުރިހަމަ ކޮށްފައި ނުވާތީ ކަމަށެވެ.

"ޖޫރިމަނާ ކުރީ މާލީ ބަޔާން ފުރިހަމަ ނުވާތީ ގާނޫނުގަ ހުންނަ ހުރިހާ ބައިތަކެއް ފުރިހަމަ ކޮށްފައި ނުވާތީ ހުރިހާ ކެންޑިޑޭތުންވެސް މާލީ ބަޔާން ހުށަހެޅި އެހެން ނަމަވެސް ޖޫރިމަނާ ކުރީ ބަޔާން އެއްކޮށް ފުރިހަމަ ނުވާތީ،" ހަބީބު ވިދާޅުވި އެވެ.

މާލީ ބަޔާނުގައި ކެންޑިޑޭތުން ކެމްޕެއިނަށް ކޮށްފައިވާ ހަރަދު ތަކާއި ކެމްޕެއިނަށް ފައިސާ ހޯދި ގޮތާއި ބެންކު ސްޓޭޓްމަންޓުތައް ހުށަހަޅަން ޖެހެ އެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ތިން ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް އިބްރާހީމް އެވެ.