ދުނިޔެ ހޫނު ވަމުންދާ މިންވަރަށް ބަލާއިރު ކުރިއަށް އޮތް 30 އަހަރު ތެރޭގައި އިންސާނީ ނަސްލު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ސައިންސްވެެރިން ބުނެފި އެވެ.

2019 ވަނަ އަހަރު ހަދާފައިވާ ދިރާސާއެއްގައި ސައިންސްވެރިން ބުނީ މިހާރު ދުނިޔެ ހޫނުވަމުން އަންނަ ބާރުމިނަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދިގު މުއްދަތުގެ ގެއްލުންތައް ލިބޭނެ ކަމަށެވެ.

އެގޮތުން 2050 ވަނަ އަހަރު އަންނައިރު ދުނިޔޭގެ ހޫނުމިން އިންސާނުންނަށް ކެތްކުރެވޭ މިންވަރަށްވުރެ މަތިވެދާނެ ކަމަށާއި އެހެން ކަމުން މިހާރު އިންސާނީ ނަސްލު އޮތީ ނުރައްކަލަށް ހުށައެޅިފައި ކަމަށެވެ.

ހޫނުމިން އިންސާނުންނަށް ކެތްނުކުރެވޭ ވަރަށް އިތުރުވުމާއެކު ގަދަ ހޫނުގެ ސަބަބުން ދަނޑުވެރިކަން ކުރަން ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެހެން ކަމުން ހީޓް ސްޓްރޯކު ފަދަ ހާލަތްތަކާއެކު ބަނޑުހައިހޫނު ކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ދިރާސާގައި ބުނެ އެވެ.

ވުމާއެކު ދެމެހެއްޓެނިވި ތަރައްގީއަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމަށާއި ނޫންނަމަ އިންސާނީ ނަސްލު އިސާހިތަކު އިންސާނީ ނަސްލު ނެތި ހިނގައިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެއްވަ އެވެ.