ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުކުރަން އަދާވަތްތެރިންގެ ހެކިބަސް ބަލައިގަތުމުގައި ބައިނަލްއަގުވާމީ ކޯޓުތަކުން އަމަލުކުރާ ގޮތާ ހިލާފަށް ހެކި ހުށަހަޅާ ކުށް ސާބިތުކޮށްފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މިއަދު ހައިކޯޓުގައި އޮތް އިސްތިއުނާފް އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އިސްތިއުނާފް ކުރުމަށް 14 ނުކުތާއެއް ހުށަހަޅާފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ވިދާޅުވީ އަދާވަތްތެރިންގެ ހެކިބަސް ބަލައިގަތުމުގައި ބައިނަލްއަގުވާމީ ކޯޓުތަކުން އަމަލުކުރާ ގޮތާ ހިލާފަށް އަދީބާއި، ޒިޔަތުގެ ހެކިބަސް ބަލައިގަނެ، އެމީހުންގެ ހެކިބަހަށް އެކަނި ބަލައި ކުށް ސާބިތުކޮށްފައިވާ ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ އަދީބު އާއި ޒިޔަތުގެ ހެކިބަސްނުލާވެސް ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުރި ކަމަށެވެ.

އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު މިނިސްޓްރީގެ ކަންކަން ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށާ ފަޅު ރަށްތައް ދިނުމާއި ގުޅެގޮތުން ރައީސް ޔާމީން އާއި އަދީބުއާ ދައްކާފައިވާ ފޯން ކޯލްތައް އެބަހުރި ކަމަށް ދައުލަތުން ބުނެ އެވެ. އަދި 2015 ވަނަ އަހަރު ވ. އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައީސް ޔާމީން އަންގަވާ ސިޓީ ފޮނުވާފައިވާ ކަން ވެސް ދައުލަތުން ފަހަގަ ކުރި އެވެ. އަދި އާރަށް އެހެން މީހެއްގެ ކުންފުންޏަށް ދިނުމަސް ފަހު 1 މިލިއަން ރުފިޔާގެ ޗެކް އެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމަވެފައިވާކަންވެސް ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި އިންނަވާ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ މިފަދަ މައްސަލަތަކުގައި އެކުށެއްގައި ބައިވެރިވި މީހުންނާ އެކު ދައުލަތުން އެއްބަސްވުމެއް ހަދައި ހެކިބަސް ދިނުމާއި އެ ހެކިތައް ގުޅިގެންދާ ގޮތަށް ބަލާ އެމައްސަލަ ސަބިތު ކުރެވިދާނެ ކަމަށެވެ.

ވ. އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ.