އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ބަތަލާ ސަމަންތާ ރުތު ޕްރަބޫ ފިލްމީ ދާއިރާއިން ބްރޭކެއް ނެގުމަށް ނިންމައިފި އެވެ.

މިހާރު ބޮލީވުޑް ފިލްމުތަކުގައިވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ސަމަންތާ ފިލްމު ކުޅުމާއި ދުރަށް ދުވަސްކޮޅަކަށް ދިޔުމަށް ނިންމީ އޭނާއަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެންނެވެ.

ސަމަންތާ އޭނާގެ ސޯޝަލް މީޑިއާގައި މީގެ ކުރިން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މަޔަސްޓައިޓިސް ކިޔާ އޮޓޯއިމިއުން ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

އުމުރުން 36 އަހަރުގެ ބަތަލާ މިހާރު ބޭނުންވަނީ ދުވަސްކޮޅަކަށް މަސައްކަތާއި ދުރުވެ އަމިއްލަ ސިއްހަތަށް އަހައްމިއްޔަތުކަން ދިނުމަށެވެ. އަދި އޭނާއަށް ކުރިމަތިވެފައިވާ ބަލިތަކަށް ފަރުވާ ހޯދުމަށެވެ.

ސާބިއާގައި ވަރުން ދަވާންއާ އެކު "ސިޓަޑެލް އިންޑިއާ" ފިލްމުގެ އެންމެ ފަހުގެ ޝޫޓިން ނިންމާލުމަށްފަހު ސަމަންތާ މިހާރު ދަނީ ވިޖޭ ދޭވަރަކޮންޑާއާ އެކު ކުޝީގެ ޝޫޓިން ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ފިލްމުގެ ފައިނަލް ޝޫޓިން ދެތިން ދުވަހެއްގެ ތެރޭގައި ނިންމާލުމަށް ފަހު ސަމާންތާ ފިލްމުތަކާ ދުރަށް ދާނެ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ސަމަންތާ އަކީ ތެލެގޫ އެކްޓަރު ނާގަ ޗައިތަނިއާގެ ކުރީގެ އަންހެނުންނެވެ. މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ ދަރިފުޅާއި ސަމަންތާ 2017 ގައި ކުރި ކައިވެނި ރޫޅައިލީ 2021ގައި އެވެ.