އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ހިމެނިގެން އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ "ބޮޑުބައި" ކަމަށް ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އެފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ބޮޑުބައި ކަމަށާ އެއީ ކުރީގެ އެމްޑީޕީގެ 80 އިންސައްތަ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިއީ އެމްޑީޕީގެ އެއް ބައި. ވަކިވެގެން އައި ބައި. މިއީ ބޮޑު ބައި ކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުހިނގައި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން އިންތިހާބު ކުރާ ވެރިއެއްގެ ކިބައިން ރައްޔިތުން އެދެނީ ވަރަށް ކުޑަ މިންވަރެކެވެ.

"ވައްކަން ނުކުރާށޭ. ރައްޔިތުންގެ ފައިސާގައި ވެރިން ނުޖެހޭށޭ. އެ ފައިސާގައި ވެރިން ޖެހުނީމާ ބަލައިދޭށޭ. އޮއްބާނުލާށޭ،" ނަޝީދު ވިދާޅުވި އެވެ.

މިސަރުކާރުން މަޝްރޫއުތައް ހިންގަނީ އުމްރާނީ މަސައްކަތުގެ ހަމަ އެކަނި ބޭނުމަކީ ވަކި މީހަކަށް ކޮންޓްރެކްޓު ދިނުންކަމުގައި ދެކިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިޔަ ބޮޑު މަޝްރޫއުތައް މީހުންނަށް ދެނީ މަސައްކަތް ކުރުމަކަށް ނޫން ކަމަށާ މިސަރުކާރުން މަޝްރޫއުތައް ހިންގަނީ އުމްރާނީ މަސައްކަތުގެ ހަމަ އެކަނި ބޭނުމަކީ ވަކި މީހަކަށް ކޮންޓްރެކްޓް ދިނުންކަމުގައި ދެކިގެން ކަމަށެވެ. އެގޮތުން އަމީނީ މަގުގެ ބޮޑު މަޝްރޫއު ވެގެން އެދިޔައީ މާލޭގެ މަގެއްގައި ކުޑަ ތާރުކޮޅެއް އަޅާލަން ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.

އާ ސިޔާސީ ޕާޓީއެއް ހަދަން ޖެހުނީ ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ގެއްލުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމަށް ކުރަމުންއައި އުންމީދު ފެންވެ ހިނގައްޖެ، މިނިވަން މުއައްސަސާތަކަށް ކުރަމުން އައި އުންމީދު ނާކާމިޔާބުވެ ހިނގައްޖެ. އިންސާފުވެރިގޮތުގައި ދައުލަތުގެ މާލިއްޔަތު ބަލަހައްޓާނެކަމުގެ އުންމީދު މުޅިން ފަނޑުވެ ހިނގައްޖެ. ރައްޔިތުންގެ ފައިސާ ދެފުއް ފެންނަ ގޮތުގާ ނޫން ގޮތެއްގައި ހަރަދު ނުކުރާނެ ކަމަށް ވަމުން އައި ވައުދު ގެއްލިއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެގެ ޖީޑީޕީ ފަސް ބިލިއަން ޑޮލަރު ކަމަށާ ކޮންމެ މީހެއްގެ ބޮލަށް ތޭރަ ހާސް ޑޮލަރު ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ދައުލަތުގެ ޓެކްސް އަމްދަނީ އިންތިހާއަށް އިތުރު ވެގެންދިޔައީ ރައްޔިތުންގެ ހިއްވަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ރާއްޖެ މިއޮތީ ބަދަލުވެފައި ކަމަށާއި މިބަދަލުގެ ނަތީޖާއަކީ ކުރިއަށް މިއޮތް ސަރުކާރު އެކުލަވާލާނޭ ގޮތަކާ ގުޅެގޮތުން ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލެއް ހޯދުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވެރިކަމުގެ ލައްޒަތާ ވެރިކަމުގެ ދެވަނަ ދައުރެއްގެ އުންމީދުގައި އެކަނި ކަންކަން ކުރަމުން ދިއުމަކީ ފައިދާވާނެ ގޮތެއް ނޫން ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވި އެވެ.