ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިއްހީ ހާލުކޮޅު ދެރަވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނީ ފުރާނައަށް ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނެފި އެވެ.

ރެއިން ފެށިގެން އަދީބުއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް އެމަޖެންސީގަ އެވެ.

މިކަމާ ގުޅިގެން އެމްޓީޑީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަދީބުއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ބައިނަލްއަގުވާމީ އުސޫލުތަކާއި އަދި ރާއްޖޭގެ ވެސް ގާނޫނުތަކާއި ޚިލާފަށް 2015 އިން 2018އަށް 24 ގަޑިއިރު ވަންދެން ބޭރަށް ނުނުކެމެވޭ ގޮތަށް އޭނާ ޖަލު ބަންދުގައި ބޭއްވުމުގެ ސަބަބުން ކަމަށެވެ. އަދި އަދީބުގެ ހާލަތު މިހާރު ހުރީ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއްގައި ކަމަށް ވެސް އެމްޓީޑީން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

އަދި ބުނެފައިވަނީ އޭނާގެ ހާލަތު ގާތުން ވަޒަންކޮށް، މައުލޫމާތު ލިބުނުވަރަކުން އާންމުނާ ހިއްސާ ކުރަމުންދާނެ ކަމުގަ އެވެ.

އަދީބުގެ ސިއްހީ ހާލު ދެރަވެ ހޮސްޕިޓަލަށް ގެންގޮސްފައިމިވަނީ، އޭނާ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ހަތް ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެވަޑައިގަތުމުން އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެކަމަކު އޭނާ ތަންފީޒު ކުރަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ ޖަލު ހުކުމެވެ.