ޓާމިނަލް ކެފޭ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ދައުވާ އުފުލި އެންމެން އަލުން ބަންދުކޮށްދޭން ދައުލަތުން ހައިކޯޓުގައި އެދެފި އެވެ.

އެ އެންމެންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު އެވެ.

ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިއަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.

މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އެމައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅަފައިވާިއރު އެ މައްސަލާގައި ހިމެނޭ އެންމެން ބަންދުން ދޫކޮށްލާފައި ތިބުމަކީ އެ މީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުމަށް ހާޒިރުވީ ދައުވާކުރާ މީހުންގެ ތެރެއިން މަފާޒު އަދި ޝާމިން އެކަންޏެވެ.

ދައުލަތުން އެދުނީ އެ ދެ މީހުން ވެސް ބަންދުގައި ބަހައްޓައި ދިނުމަށެވެ.

ދައުލަތުން ބުނީ ބަންދުން ދޫކޮށްލިފަހުން މާރާމާރީއެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ތޫނު ހަތިޔާރުތަކެއް ހިފައިގެން އުޅެނިކޮށް މާލޭގެ މަގުމަތިން މަފާޒު ހައްޔަރުކޮށްފައިވާކަން ފާހަގަކުރި އެވެ.

މިއަދުގެ އަޑުއެހުމަށް މަފާޒް އަދި ޝާމިން އައީ ވަކީލަކާ ނުލަ އެވެ. އެމީހުން އެދުނީ ދައުލަތުގެ ހުށަހެޅުމަށް ވަކީލަކާއެކު ޖަވާބުދާރީ ވުމަށެވެ. އެހެންކަމުން ފަނޑިޔާރުން ވަނީ ވަކީލަކު އައްޔަނުކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ނަދީމް މަރާލާފައި ވަނީ 2017 ޖުލައި 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. ޓާމިލަން ކެފޭއަށް ދިޔަ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބަޔަކު އޭނާ މަރާލީ މޫނު ނިވާކޮށްގެން ތިބެ އެވެ.

އޭނާ މަރާލިކަމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒް ހުސައިން ސަލީމްގެ މައްޗަށެވެ. ނަދީމް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިން އާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.