ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި އިބްރާހީމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
ގައްބަރޭ ހައްޔަރު ކުރީ މެއި މަހުގެ 23 ވަނަ ދުވަހު އޭނާ އަމިއްލަ އަށް ފުލުހަށް ހާޒިރުވުމުންނެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އެދުވަހު ކޯޓަށް ގެންދިއުމުން ގައްބަރޭ ބަންދުގައި ބެހެއްޓުމަށް ވަނީ 30 ދުވަސް ޖަހާފަ އެވެ. 30 ދުވަސް ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކޮށްނުދީ އޭނާ ވަނީ މިނިވަންކޮށްފަ އެވެ.
މިމައްސަލާގައި ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި މިމަހުގެ ހަ ވަނަ ދުވަހު ގައްބަރޭ ބަންދުން ދޫކޮށްލި މައްސަލަ މިމަހުގެ ނުވަ ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
ގައްބަރޭ ހިމެނޭ ގޮތަށް ޒަރީރަށް ހަމަލާ ދިނީ މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހުގެ ފަތިހު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ޒަރީރު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދި އެވެ.
ގައްބަރޭ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ.