އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި ސަރުކަރުން އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީން އެމީހުންގެ ކެއުން ގޯސްވެގެން ހަޅުތާލުކުރަން ފަށައިފި އެވެ.

މިއީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެ ފޭސް ދޭއް ގައި ސަރުކާރުން އަޅާ 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވަލުކޮށްފަ އެވެ.

އެގޮތުން ޖޭއެމްސީން އަޅާ ފްލެޓްތަކުގެ މަސައްކަތް ކުރާ ބިދޭސިން ވަނީ އެމީހުންނަށް ދޭ ކާއެއްޗެހި ގޯސްވުމުން މީގެ ދެ ދުވަސް ކުރިން ހަޅުތާލު ކުރަން ފަށާފަ އެވެ. އެމީހުން ބުނިގޮތުގައި ކެއުމަށް ދެނީ ހަލާކުވެ ފޫ ޖަހާފައިވާ ކާއެއްޗެހި ކަމަށެވެ.

އެމީހުންގެ ކެއުމުގެ ކަންތައް ގޯސްވެގެން މިއަދު ހަވީރުން ފެށިގެން މަގުމަތީގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މަސައްކަތް ކުރުން ހުއްޓާލުމަށްފަހު ނުކުމެ އެތަނުގެ ކުރިމަތީގައި ހަޅުތާލުކޮށްފަ އެވެ.

އެތަނުގެ ބައެއް މަސައްކަތްތެރިން ބުނީ އެކަމުގެ ޝަކުވާ ކުރުމުން އެމީހުން އަނބުރާ ރަށަށް ފޮނުވާލާނެ ކަމަށް ބުނެ އިންޒާރު ދެމުންދާ ކަމަށެވެ.

އެތަނުގައި މަސައްކަތް ކުރަނީ އިންޑިއާ މީހުންނެވެ.

މީގެ ކުރިންވެސް ކާއެއްޗެހި ގޯސްވެގެން އެމީހުން ހަޅުތާލުކޮށްފައިވެއެވެ. އެއީ މިދިޔަ މާޗް މަހު ތެރޭ އެވެ.