އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައި އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ "ދަ ޑިމޮކްރެޓްސް" އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ރަޖިސްޓްރީކޮށްދީފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ފުރިހަމަވާން ޖެހޭ އިޖުރާއަތު ފުރިހަމަކޮށްފައިވާތީ، "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ.

އެ ނިންމުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޝަންގެ 793 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ހަބީބް ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާއެކު ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން ގުޅިގެންނެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. އޭގެ ފަހުން، ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައި މިދިޔަ އާދިއްތަ ދުވަހު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅާފަ އެވެ. ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެކްޓްސް އަށް ސޮއިކުރުމަށް ބާއްވާ ޖަލްސާ ބްރާސްފަތި ދުވަހުގެ ރޭ ބެއްވުމަށް ވަނީ ނިންމާފައެވެ.

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.