ނޭޕާލްގައި ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރެއް މައުންޓް އެވަރެސްޓް ކައިރިއަށް ވެއްޓި އެއިން ދަތުރު ކުރި ހަ މީހުން މަރުވެއްޖެ އެވެ.

އަންގާރަ ދުވަހު ހިނގި މި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގާފައި ވަނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ އާ ޖެހިގެން ހުޅަނގަށް އޮންނަ ލިޚޫ ކިޔާ އަވަށެއްގަ އެވެ.

ކަތަމަންޑޫ އެއާޕޯޓުގެ އޮފިޝަލަކު ބުނި ގޮތުގައި ހެލިކޮޕްޓަރުން ދަތުރު ކުރީ މެކްސިކޯގެ ފަސް ޓޫރިސްތަކާ ނޭޕާލުގެ ޕައިލެޓެކެވެ.

ނޭޕާލުގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އެތަނުން ހޯދައިފަ އެވެ. ވެއްޓުނު ހެލިކޮޕްޓަރަކީ ޓޫރިސްޓުން އުފުލުމުގެ ޚިދުމަތް ދޭ ކުންފުންޏެއް ކަމުގައިވާ މެނަންގް އެއާގެ ހެލިކޮޕްޓަރެކެވެ.

އެ ކުންފުނިން ޓޫރިސްޓުންނަށް ސައިޓް ސީން ދަތުރުތައް ކޮށްދިނުމުގެ އިތުރުން އެވަރެސްޓް ކައިރީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ވެސް ހެލިކޮޕްޓަރުގެ ޚިދުމަތް ދެ އެވެ.

ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ހެލިކޮޕްޓަރު ނައްޓާލިއިރު މޫސުން ރަނގަޅެވެ.

"މޫސުން އެހާ ގޯހެއް ނޫން. އެހާދިސާ ހިނގީ ކިހިނެއް ކަން މިވަގުތު ބުނާކަށް އެހާ ފަސޭހައެއް ނޫން. ގޮތެއް ކިޔަން އެނގޭނީ ތަހުގީގަށް ފަހު،" އޭނާ ބުންޏެވެ.

އެކަމަކު އެއާޕޯޓުގެ އޮފިޝަލަކު ބުނިގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރުގެ މިސްރާބު ބަދަލުކުރަން ޖެހުނެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަށްވުމުން ނޭޕާލުގައި ޓޫރިސްޓު ފްލައިޓުތައް އެހާ ގިނައިން ދަތުރު ކޮށެއް ނޫޅެ އެވެ. މިދުވަސް ވަރު ނޭޕާލުގެ ވައިގެ ތެރޭގައި ދުންފިނީގެ ސަބަބުން ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ކުޑަވާ ވަގުތުތައް އާދެ އެވެ. ހަމަ އެއާ އެކު މޫސުން ވަރަށް އަވަސް އަވަހަށް ބަދަލުވެ އެވެ.

ނޭޕާލުގެ ފަރުބަދަތަކުގެ ސަބަބުން އެ ގައުމަކީ ވައިގެ ދަތުރުފަތުރު ކުރުމަށް އުނދަގޫ ގައުމެކެވެ. ވައިގެ ދަތުރު ފަތުރުގެ އެކްސިޑެންޓްތައް އެ ގައުމުގައި ވަރަށް ގިނައިން ހިނގަ އެވެ. އެންމެ ފަހުން ހިނގި މިބާވަތުގެ އެންމެ ބޮޑު އެކްސިޑެންޓުގައި ޖެނުއރީ މަހު ވެއްޓުނު މަތިންދާ ބޯޓުން 71 މީހުން މަރުވި އެވެ.