ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕުގެ ކ. ވާވެއްދި ފަޅު ވިއްކުން ހުއްޓުވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްފި އެވެ.
ކ. ވާވެއްދި ފަޅު ވިހި މިލިއަން ޑޮލަރަށް އެހެން ފަރާތަކަށް ވިއްކަން ނިންމާ ޓުއަރިޒަމް މިނިސްޓްރީ އަށް އަންގާފައި ވަނިކޮށް އޭސީސީ އިން ވަނީ އެފަޅު ވިއްކުން ހުއްޓުވާފައެވެ. އޭރު އޭސީސީ އިން ބުނީ އެމުއާމަލާތް ހުއްޓުވީ އެފަޅައި ގުޅެގޮތުން ހުށަހަޅަފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާތީ ކަމަށެވެ.
އެމުއާމަލާތް އޭސީސީން ހުއްޓުވާފައިވީ ނަމަވެސް މިހާރު ވަނީ އޭސީސީގެ އެ ނިންމުން ބާތިލްކޮށްފަ އެވެ. އޭސީސީ އިން ބުނީ އެނިންމުން ބާތިލްކުރީ މިހާރު އެމުއާމަލަތް ހުއްޓުވަން އެންގި އެންގުން ދަމަހައްޓަންޖެހޭ ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށެވެ. އިތުރު ތަފްސީލެއް އޭސީސީއެިން ނުދެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވާވެއްދި ފަޅު ވިލާގުރޫޕުގެ އަތުން ވަނީ އަތުލާފަ އެވެ. އަދި އެފަޅު ސަރުކަރުން އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެމައްސަލަ ވިލާ ގުރޫޕުން ސުޕްރީމްކޯޓަށްވެސް ހުށަހެޅި އެވެ. މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ވިލާ ގުރޫޕާ އެއްކޮޅަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް މިހާރު ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީ ތަކަށް ދައުވަތުދެއްވި އިރު ޖޭޕީއަށްވެސް ދައުވަތު ދެއްވި އެވެ. އެހެން ނަމަވެސް ޖޭޕީން ނިންމީ އިންތިހާބުގައި ވަކީން ވާދަކުރާށެވެ. އެއާއިއެކު ގާސިމްގެ ވިޔަފާރިތަކަސް ސަރުކަރުން ޖެއްސުންކުރާކަމަށް ގާސިމް ގެންދެވީ ވިދާޅުވަމުންނެވެ.
މިދިޔަ މަހު 24 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި ގާސިމް ވަނީ އޭނާގެ ވިލާ ކުންފުންޏަށް ދީފައި އޮތް ވާވެއްދި ފަޅު ވިއްކުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައިވާތީ ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ގާސިމް ވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.