މުލަކު އަތޮޅަކީ އިދިކޮޅު ޕީޕީއެމްގެ ބޮޑު ތާއީދެއް އޮންނަ އަތޮޅެއް ކަމަށާއި އެހެން ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި މުލަކު އަތޮޅުގެ އަގުލަބިއްޔަތު ލިބިވަޑައިގަންނަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިހާރު މުލަކު އަތޮޅަށް ކުރެއްވާ ކެމްޕޭން ދަތުރުގައި މިއަދު ހަވީރު މުލިއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ މެންބަރުންނާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިއަދު މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅުން މިސަރުކާރަށް އޮތް ތާއީދު ފެނިގެންދާ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގެ އަގުލަބިއްޔަތު ލިބިވަޑައިގަންނަވާނެ ކަމާމެދުގައި އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އިދިކޮޅު ޕީޕީއެމްއަށް އޮތް ތާއީދު މިހާރު ފެނިގެން ނުދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކެމްޕޭނަށް ރައީސް ސޯލިހު މ.މުލިއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި.. ފޮޓޯ: އެމްޑީޕީ

"އަޅުގަނޑަށް ހަމަ ޔަގީން އިރާދަކުރެއްވިއްޔާ މުލި ހިމެނޭ ގޮތަށް މި އަތޮޅުގެ އަގުލަބިއްޔަތު، ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް ލިބިގެންދާނެ، އެއީ މިއަދު އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ. މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ މިސްރާބު ޖަހާފައިވަނީ ޒަމާނީ ޑިމޮކްރަސީއަށް ކަމަށެވެ. މިއަދު އާދެވިފައިވާ ހިސާބުން ޒަމާނީ ޑިމޮކްރަސީގެ ސިފަތައް ފެންނަން ފަށާފައިވާ ކަމަށާއި މިއީ އެތައް ބައެއްގެ ގުރުބާނީއަކަށް ވާއިރު، މި މަސައްކަތައިގެން ދާނީ ކުރިއަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މ.މުލީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: އެމްޑީޕީ

"ހަމަޖެހުން ގެނެވިއްޖެ، އަމާންކަން ގެނެވިއްޖެ، އަޅުގަނޑުމެން ބޭނުންވަނީ މި ގެނެވުނު ހަމަޖެހުމާއި އަމާންކަމާއެކީގައި ކުރިއަށް ދާން، ނުވައެއް ސެޕްޓެމްބަރުގައި ތިބޭފުޅުން ނުކުމެވަޑައިގެން ގޮތެއް ނިންމާއިރުގައި ވިސްނަވަންވީ، އަނެއްކާވެސް އެނބުރި ދާންވީ، ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށްތޯ؟ ނޫނިއްޔާ މިއަދު ފަށާފައި މި އޮތް މަސައްކަތް، ރައްޔިތުންނަށް މި ގެނެވޭ ތަރައްގީގެ މަޝްރޫއުތައް އެއާއެކީގައި ކުރިއަށް ދާނީތޯ؟" ރައީސް ސޯލިހު ވިދާޅުވި އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މުލަކު އަތޮޅު އަގުލަބިއްޔަތު ހޯދީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީނަކީ މުލަކު އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.