އަންނަ ސެޕްޓޭމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމަށް ޕްރައިމަރީއެއް ބޭއްވުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފި އެވެ.
ޑިމޮކްރެޓްސްގެ އޮފީހުގައި ރޭ ބޭއްވި ވަގުތީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ޕްރައިމަރީއެއް ބާއްވައިގެން އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށްޓަކައި ކުރިއަށް އޮތް ހޯމަ ދުވަހު ހިސާބުގައި ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޑިމޮކްރެޓުންގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޕްރައިމަރީ ބާއްވަން ހާއްސަ ކޮމިޓީއެއް އެކުލަވާލުމުގެ އިތުރަށް އެހެން ބައެއް ކޮމިޓީތައް ވެސް އެކުލަވާލާފަ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގައި މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް އިސްވެ ތިއްބަވައިގެން ދަ ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށް ފަހު އެވެ.
ޑިމޮކްރެޓްސްއިން ޕްރައިމަރީއެއް ބާއްވާނެކަން އިއުލާނުކުރި އިރު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ގައި އިލެކްޝަން ކޮމިޝަނުން ހުޅުވާލަން ވަނީ ނިންމާފަ އެވެ. އަދި އެމުއްދަތު ހަމަވާނީ އޮގަސްޓު ތިން ވަނަ ދުވަހަށެވެ.