ދެކުނު ކޮރެއާއަށް ދާން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޓްރެވަލް އެޖެންސީ އިނަ މޯލްޑިވްސްއިން ހާއްސަ ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.
އަންނަ އޮކްޓޯބަރު މަހުގެ މިޑް ޓާމް ބަންދާ ދިމާކޮށް އެ ކުންފުނިން ތައާރަފްކުރި އެ ޕެކޭޖަކީ ގްރޫޕް ޕެކޭޖަކަށް ވީ ނަމަވެސް އެ ޕެކޭޖުގެ ދަށުން އެކަނި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކާއި އާއިލާއާއި ރައްޓެހިންނާއެކު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.
އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އެ ކުންފުނިން އަލަށް ތައާރަފްކުރި ޕެކޭޖަކީ ގިނަ ބަޔަކު އެއްކޮށް އަތްފޯރާ ފަށުގައި ދަތުރު ކުރެވޭނެ މަގުފަހި ކޮށްދިނުމަށް ތައާރަފް ކުރި ޕެކޭޖެއް ކަމަށެވެ.
"ކޮރެއާއަކީ މިއަދުގެ ދުނިޔޭގައި އަރަމުން އަންނަ ސަގާފަތެއް. އަދި ދިވެހި މުޖުތަމައުގައި ވެސް ކޮރެއާގެ ސަގާފަތުގެ ނުފޫޒު ދަނީ އިތުރު ވަމުން" ފިރާގް ވިދާޅުވި އެވެ.
މި ޕެކޭޖުގައި ކުންފުނީގެ ލީޑަރަކާއެކު އިތުރު 14 މީހުންނަށް ޖާގަ އޮންނާނެ ކަމަށާއި ސިންގަލް އަދި ޑަބަލް ޝެއަރިންގައި ތިބުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އިނަ މޯލްޑިވްސްގެ އޭވިއޭޝަން ޑިރެކްޓަރު އަހްމަދު އިޖާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕެކޭޖުގައި ކޮރެއާގެ ވެރިރަށް ސިއޯލްއާއި އިތުރު ރަށެއް ކަމަށްވާ ބުސާންގެ މަޝްހޫރު ތަންތަނަށް ދާނެ" އިޖާޒް ވިދާޅުވި އެވެ.
ކޮރެއާ ޓުއަރިޒަމް އޯގަނައިޒޭޝަންއާ ގުޅިގެން އިންތިޒާމުކުރާ މި ޕެކޭޖުގައި ދެކުނު ކޮރެއާގެ ސަގާފަތުގެ އިތުރުން ދިވެހިންގެ މެދުގައި މިހާރު މަޝްހޫރު ވަމުން އަންނަ ކޭޕޮޕް އަދި ކޭ ޑްރާމާއާ ގުޅުންހުރި ހަރަކާތްތައް ވެސް އޮންނާނެ ކަމަށް އިނަ މޯލްޑިވްސްއިން ބުނެ އެވެ.
ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމުގެ އިތުރުން ހުރިހާ ދަތުރުފަތުރަކާއި ތަންތަނަށް ވަންނަން ބޭނުންވާ އެންޓްރީ ޓިކެޓްތަކާ ވެސް އެކު ނެރެފައިވާ މި ޕެކޭޖުގެ އަގަކީ ޑަބަލް ޝެއަރިންގައި ކޮންމެ މީހަކަށް 2877 ޑޮލަރެވެ.
މި ޕެކޭޖުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އިތުރު މައުލޫމާތު ބޭނުންނަމަ އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 7916886 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށް އިނަ މޯލްޑިވްސްއިން ބުނެ އެވެ.
އިނަ މޯލްޑިވްސްއަކީ ރާއްޖޭގައި މިހާރު ހިނގަމުން އަންނަ އެންމެ ދުވަސްވީ އެއް ޓްރެވަލް އެޖެންސީ އެވެ. އިނަ މޯލްޑިވްސްއަށް 25 އަހަރު ފުރެން ގާތްވެފައިވާއިރު އެކުންފުނިން އަންނަނީ ކަސްޓަމަރުންނަށް ތަފާތު އެކި ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.