މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒު ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން ފުލުހުން ފަށައިފި އެވެ.
އެކްސިޑެންޓް ހިނގީ، ހަފީޒް މަސްޖިދުލް އާދިލް އިން ފަތިސްނަމާދުން ފައިބައިގެން މަޖީދީމަގުން ހިނގާފައި ދަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އެވެ. ސައިކަލުގައި ޖެހި ހަފީޒު ވިއްސައިގެންގޮސް ވެއްޓި އެވަގުތު ހޭނެތުނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެވަގުތު މިސްކިތުން ފޭބި ބަޔެކެވެ.
ފުލުހުން ބުނީ އެކްސިޑެންޓަށްފަހު ހަފީޒު ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން ބޭނުންވާ ކަމަށެވެ. އެމީހުންނާ ގުޅޭ މައުލޫމާތު އެނގޭ ބަޔަކު ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ހަފީޒަށް ބޭނުންވާ ހާއްސަ ފަރުވާ ދިނުމަށް މިމަހުގެ 4 ވަނަ ދުވަހު ވަނީ ބޭރަށް ގެންގޮސްފަ އެވެ.
މި މައްސަލާގައި ސައިކަލު ދުއްވި މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހާ ހައްޔަރުކުރީ އެ އެކްސިޑެންޓަށްފަހު ސައިކަލު ދުއްވި މީހާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައިގެން ގިނަ ބަޔަކު ފުލުހުންނަށް ފާޑުކިޔަމުންދަނިކޮށެވެ.
ހަފީޒަށް މިހާރު ފަރުވާދެމުން ދަނީ ރާއްޖޭން ބޭރުގަ އެވެ.