އެއްގަޑިއިރާއި ބައިވަންދެން ޕްލޭންކް ޖައްސައިގެން ދުނިޔޭގެ ޖޫނިއާ ޕްލޭންކް ރިކޯޑު މުގުރާލި އުމުރުން އަށް އަހަރުގެ ދިވެހި ކުއްޖާ އަނެއްކާ ވެސް އެންމެން އާޝޯހު ކޮށްލައިފި އެވެ.

އިމާދުއްދީން ސްކޫލްގެ ގްރޭޑް ދޭއްގައި ތައުލީމު ހާސިލުކުރަމުން އަންނަ މުލްހަމް އާޒިމް މިފަހަރު މިވަނީ ދެ ގަޑިއިރަށް ޕްލޭންކް ޖައްސާ އަމިއްލަ ރިކޯޑް މުގުރާލާފަ އެވެ.

މިކަން ފާހަގަކޮށް މޯލްޑިވްސް އޮލިންޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ "މިއީ މުޅިން އެހެން ޕްލެނެޓެއްގެ" ކުއްޖެއް ކަމަށެވެ.

މަރުޒޫގު ހިއްސާކޮށްފައިވާ މުލްހަމްގެ އިތުރު ވީޑިއޯއެއްގައި އޭނާގެ ސަޕޯޓަރުން ކައިރީގައި ތިބެ ހިތްވަރުދޭން ތިބޭ މަންޒަރު ވެސް ފެނިގެންދެ އެވެ.

މީގެ ކުރިން މުލްހަމް މުގުރާލާފައި ވަނީ ޖޫނިއާ ވޯލްޑް ރިކޯޑް އޮފް ޕްލޭންކެވެ. މިއާއި އެކު ދުނިޔޭގެ ރިކޯޑު ހަދަން މުލްހަމް ކުރިމަތިލާނީ ކޮންއިރަކުންތޯ ޓުވިޓާގައި މީހުން ވަނީ ސުވާލުކޮށް ހިތްވަރުދޭން ފަށާފަ އެވެ.

މިހާރު ދުނިޔޭގެ ޕްލޭންކް ހެދުމުގެ ރިކޯޑް އޮތީ އެމެރިކާގެ ނޭވީގައި ވެސް މަސައްކަތްކޮށްފައިވާ އުމުރުން 62 އަހަރުގެ ޖޯޖް ހުޑްގެ އަތުގަ އެވެ. އޭނާ މި ރިކޯޑް ހަދާފައި ވަނީ އަށް ގަޑިއިރާއި 15 މިނެޓް އަދި 15 ސިކުންތު ވަންދެން ނުހުއްޓާ ޕްލޭންކް ހަދައިގެންނެވެ.