އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ފިލްމު "ނީނާ"ގެ ޓައިޓަލް ރޯލު ކުޅުނު ނުޒުހަތު ޝުއައިބު އެރޯލު ކުޅެދިނީ ރިކޯޑް އަދަދަކަށެވެ. ބޮޑު ބަޖެޓަކާއި އެކު ހެދި "ނީނާ" އަންނަ މަހު ހަ ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު މިއީ ބާރުގަދަ އަންހެންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މިފިލްމުގެ ލީޑް ރޯލު ނުޒޫ ކުޅެދިނީ 150،000 ރުފިޔާ އަށެވެ.

މިއީ އާންމުކޮށް ދިވެހި އެކްޓަރުންނަށް ދޭ މުސާރައަށް ވުރެ ވަރަށް ބޮޑު އަދަދެކެވެ.

އެކަމަކު މި އިންޑަސްޓްރީގައި ރެކޯޑް އަގުތަކަށް ފިލްމު ކުޅުނު މަދު ބަޔަކު އެބަތިއްބެވެ. ހާއްސަކޮށް ބަތަލާއިންނެވެ. އޭގެ ތެރެއިން އެކަކީ ގިނަ ފިލްމުތަކާއި ޑްރާމާތަކެއް ކުޅެ ގިނަ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބަތަލާ ނިއުމާ މުހައްމަދު އެވެ. އެއީ 2010 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ނިއުމާ" ކުޅުމަށާއި އެފިލްމުގެ ޑައިރެކްޓް ކުރުމަށް ނިއުމާ އަށް ލިބިފައިވަނީ 175،000 ރުފިޔާ އެވެ.

އެހެންވެ ނުޒޫވެފައި މި ވަނީ ނިއުމާ ފިޔަވައި ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އަގަކަށް ފިލްމެއް ކުޅުނު ބަތަލާއަށެވެ. މިހާތަނަށް ގިނަ އުފެއްދުންތަކުން ފެނިފައިނާ ނުޒޫ ފިލްމީ ދާއިރާ އަށް ނުކުތީ 2017 ވަނަ އަހަރު ރިލީޒްކުރި "މަލިކާ" އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވަކިން ލޯބިން"، "ގޮށްރާޅު"، "މާމުއި"، "ބަވަތި"، "ނޯޓީ 40" އަދި "ފަރީ" ހިމެނެ އެވެ.

"ނީނާ" އިން ބޮޑު އަގެއް ލިބުނު ބަތަލާ އެ ފިލްމުގައި ކުޅެފައި ވަނީ މީގެ ކުރިން ފިލްމެއްގައި ރާއްޖޭގެ ބަތަލާއަކު ކުޅެފައިވާ ނުވާ ކަހަލަ ތަފާތު ރޯލެކެވެ. ފިލްމުގެ ޓްރެއިލާ އިން ވެސް އެކަން އެނގެ އެވެ.