ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ޝަރީއަތަށް ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފް ހެކިބަސް ދެއްވަން ދެކޮޅު ހައްދަވައިފި އެވެ.
މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެހެން ނަމަވެސް މިހާރު ވަނީ ކްރިކް ރިޒާގެ މައްސަލަ ވަގުތީ ގޮތުން ނަގާފަ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކި ބަސް ނެގުމެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ހެކިބަސް ދެއްވަން ކޯޓަށް ހާޒިރުވާން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، ސިޔާމާއި މައުރޫފް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ އެ ދެ ބޭފުޅުންގެ ހެކިބަސް ނަގަން މިހާރު ދައުލަތުން ބޭނުން ނުވާ ކަމަށެވެ.
ސިޔާމާއި މައުރޫފުގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ޑްރައިވަރަކަށް މަސައްކަތް ކުރި މުހައްމަދު ހުސެއިން (އޮއިއްޓޭ) ވެސް މި މައްސަލާގައި ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ބާކީ ހެކިބަސް ނުނަގާ ވަނީ ހަ ހެކިންގެއެވެ.
އޭގެ ތެރެއިން ހަތަރު މީހަކު އަމިއްލައަށް ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެފައިވާއިރު، އިތުރު މީހަކު ވަނީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ހެކިބަސް ދޭން ކޯޓަށް ނާދެވޭނެ ކަމަށް ބުނެފަ އެވެ.
އެހެންވެ މިއަދުގެ އަޑު އެހުމުގައި ދައުލަތުން ބުނެފައިވަނީ ބާކީ ތިބި ދެ ހެކިން ކަމަށްވާ ލަންކާ މީހަކާއި އެމްއެމްޕީއާރްސީގައި ކުރިން މަސައްކަތް ކުރި މުހައްމަދު ޝިފާއު ކިޔާ މީހެއްގެ ހެކިބަސް ދެން އޮންނަ އަޑުއެހުމެއްގައި ނަގަން ބޭނުންވާ ކަމަށެވެ. އޭގެތެރެއިން ޝިފާއު މިވަގުތު ދިރިއުޅެނީ ސައުދީ އަރަބިއްޔާގައި ކަމަށްވާތީ އޭނާ ހެކިބަސް ދޭނީ ޖިއްދާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ހާޒިރުވެގެންނެވެ.
މިއަދު އޮތް އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑް އަހުމަދު އާމިރު ހެކިބަސް ދީފައިވާއިރު، އޭނާ ވަނީ އަދީބާއި ޒިޔަތާ އެކު ބޭއްވި ބައްދަލުވުމެއްގައި މައުރޫފާއި ސިޔާމްގެ ކޮއްކޮއެއް ކަމަށްވާ ސާލިމް ބައިވެރިވި ކަމަށް ބުނެފަ އެވެ.
އަދި އެ ބައްދަލުވުމަށް އަދީބު އަންގަވައިގެން ދަބަހެއް ވެސް ގެންގޮސްދިން ކަމަށާއި ނަމަވެސް، ބައްދަލަވުމުގައި ދެއްކި އެއްވެސް ވާހަކައެއް ނޭނގޭ ކަމަށް އާމިރު ބުނެފައިވެ އެވެ. އާމިރު ބުނާ ބައްދަލުވުމުގައި ފުއްގިރި މައްސަލާގައި ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ އަހުމަދު ކްރިކް ރިޒާ ވެސް ބައިވެރިވި އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލުކޮށްފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހަށެވެ. ގާޒީ އަލީ ނަދީމް ވަނީ ވިދާޅުވީ އެ ދުވަހު ދައުލަތުގެ ހެކިބަސް ނަގާ ނިންމާލެވޭނެ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ރައީސް ޔާމީން އަންނަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އަދި ރައީސް ޔާމީންގެ ފަރާތުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން މި ވަގުތަށް އިސްތިއުނާފު މައްސަލަ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.