ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ލީޑަރު މުހައްމަދު ނާޒިމް މިއަދު ބައްދަލުކުރައްވައިފި އެވެ.

ގާސިމް އިބްރާހީމްގެ ސަން އައިލެންޑް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޕީގެ ދެ ނައިބު ލީޑަރުންކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް އެވެ.

ގާސިމްއާއި ނާޒިމް މިއަދު ބެއްވެވި ބައްދަލުވުމުގެ ތަފްސީލެއް އެއްވެސް ޕާޓީ އަކުން ނުދެއްވަ އެވެ.

އެހެން ނަމަވެސް އެބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ވާހަކަދެކެވުނެވެ.

ގާސިމްއާއި ނާޒިމް މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

މި ބައްދަލުވުމުގެ ފޮޓޯތައް ޓްވިޓާގައި އާންމުކުރައްވަމުން ގާސިމްގެ އެޑްވައިޒަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މި ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ. އެހެންނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އަންނަނީ ޖޭޕީގެ ލީޑަރު ގަސިމްއާއި ބައްދަލު ކުރައްވަމުންނެވެ.

އެގޮތުން ސަރުކަރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް އާއި އަދި ރައީސް ނަޝީދު އިސްވެހުންނަވާ އުފެއްދެވި ދަ ޑީމޮކްރެޓްސް އިންވެސް ވަނީ ގާސިމްއާއި ބައްދަލު ކުރައްވާފަ އެވެ.