ހއ. އިހަވަންދޫގެ ޢުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިޔަށްގެންދިޔަ ގިނަ މަޝްރޫއުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާޙްކޮށްދެއްވައިފި އެވެ.

އެގޮތުން އެމަނިކުފާނު ވަނީ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވާފަ އެވެ.

ރައީސް މި މަޝްރޫޢުތައް އިފްތިތާހްކޮށްދެއްވީ، އިއްޔެ އެމަނިކުފާނު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް އިހަވަންދޫ ބަނދަރު ހުޅުއްވައި ދެއްވީ، އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިސަރުކާރުން، ހއ. އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިގޮތުން މިމަޝްރޫގެ ދަށުން، ބަނދަރު ފުޅާކޮށް، 251 މީޓަރުގެ ބޭރުތޮށިލައި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެ އެވެ. އަދި ބޭރުތޮއްޓަށް އެރުމަށްޓަކައި ބުރިޖެއް ހެދުމުގެ އިތުރުން، 121 އަކަމީޓަރުގެ ރޭމްޕެއް ބަނދަރުގައި ވަނީ ހަދާފަ އެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ނެރު ބައްތި އާ ބަނދަރު ބައްތި ޖަހައި، ޕޭވްމެންޓް ވަނީ ހަދާފަ އެވެ.

މީގެ އިތުރުން ރޭ ރައީސް ވަނީ، އިހަވަންދޫ ފެނަކަ އޮފީސް ޢިމާރާތާއި، އިހަވަންދޫ ސްކޫލުގައި އަލަށް ޢިމާރާތްކުރެވުނު މަލްޓިޕާޕަސް ހޯލާއި، ކޮމިއުނިޓީ ސެންޓަރު ހުޅުއްވައި ދެއްވާފަ އެވެ. އިހަވަންދޫގައި އިމާރާތްކުރެވުނު ފެނަކަ އޮފީސް އިމާރާތަކީ، އެއްފަހަރާ 50 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް އޮފީސް އިމާރާތެކެވެ.

ރައީސް ރޭ ހުޅުއްވައި ދެއްވި، އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނިންމާފައި ވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އަދި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު އިމާރާތްކޮށްފައި ވަނީ، ޓޫއޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މިކޮމިއުނިޓީ ސެންޓަރަކީ، ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމުއިއްޔާތަކަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ސެންޓަރެކެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.