ހުޅުމާލޭ މިސްކިތެއްގައި ނަމާދަށް ހުރި ދިވެއްސަކަށް އިންޑިއާ މީހަކު މިއަދު ހަވީރު ހަމަލާދީފި އެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ސަރައްދުގައި ހުރި މީހަކު ބުނީ މަސްޖިދު އަޒީޒާ މޫސާގައި އަސުރު ނަމާދުގެ ޖަމާއަތް ނިމުނުތަނާ އިންޑިއާ މީހާކު ކުއްލިއަކަށް މިސްކިތަށް އަރައި، އެވަގުތު ނަމާދަށް ހުރި ދުވަސްވީ މީހެއްގެ ކަރުގައި ހިފީ ކަމަށެވެ. އަދި އެވަގުތު މިސްކިތުގައި ތިބި މީހުން އޭނާ ހުއްޓުވި ކަމަށް ވެސް އެ މީހާ ބުންޏެވެ.
މިސްކިތުގައި ނަމާދަށް ހުރި މީހާއަށް ހަމަލާދިނުމުން އެ މީހާ ވަގުތުން މިސްކިތުން ނެރުނު ކަމަށްވެ އެވެ. އަދި އެއީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށް ވެސް އެތަނުގައި ތިބި މީހުން ބުންޏެވެ.
މިސްކިތުގައި ނަމާދަށް ހުރި މީހާއަށް ހަމަލާދިނީ ކޮން ސަބަބާހެދި ކަމެއް ސާފުވާ ގޮތެއްނުވި އެވެ. އެ ހަމަލާ ދިނުމުން އެ އިންޑިއާ މިހާ ހިފަހައްޓައި ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން ބުނީ އަޒީޒާ މިސްކިތުގައި ހުރި އުމުރުން ދުވަސްވީ މީހަކު ގައިން ނުބައި ވަސްދުވާ ކަމަށް ބުނެ އިންޑިއާ މީހަކު އެ މީހާ މިސްކިތުން ބޭރުކުރަން އުޅެ، މާރާމާރީ ހިންގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.