ހއ. ދިއްދޫގައި ޕިކްނިކް އައިލެންޑަކާއި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިއްދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ އެރަށަށް ގިނަ ދައުވުތަކެއްވެވަޑައިގެންފަ އެވެ. އެގޮތުން ޕިކްނިކް އައިލެންޑާއި އެއާޕޯޓް ގާއިމް ކުރާނީ އެރަށު ބިން ހިއްކައި ނިމުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިއްދޫގައި ދެވަނަ ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ދިއްދޫ ރައްޔިތުން ބޭނުންވި ގޮތަށް އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އޮގަސްޓް މަހުގެ ތެރޭގައި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ދިއްދޫގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ޕްލޭނެއް އެބައޮތް ކަމަށް ވިދާޅުވެ ރައީސް ވަނީ ރައްޔިތުން އުންމީދު ކަނޑައިނުލުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވަނީ މީގެ ކުރިން ވައުދުވެފައިވާ ގޮތަށް އެރަށުގައި އާ ހޮސްޕިޓަލް ވެސް އަޅައިދޭނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ ބަހުގެ ހިދުމަތް ވެސް ވަރަށް އަވަހަށް އެރަށުގައި ފެށޭނެ ކަމަށެވެ. އަދި ޒުވާނުންގެ މަރުކަޒެއް އަޅާނެކަން ވެސް މިރޭ ރައީސް އިއުލާން ކުރެއްވި އެވެ.

ދިއްދޫ މަގު ހެދުމުގެ މަޝްރޫއަށް އިތުރު މަގުތައް އިތުރު ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ ކުރިއެކޭ ވެސް އެއްގޮތަށް ތިބޭފުޅުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 9 ސެޕްޓެމްބަރުގައި ނުކުމެ، ފުރިހަމަ އަގުލަބިއްޔަތަކުން އަޅުގަނޑުމެންގެ ކޯލިޝަނަށް ތާއީދުކޮށްދެއްވުން،" ރައީސް ވިދާޅުވި އެވެ."ދިއްދޫގެ ރައްޔިތުން ތި ބޭނުންވާ ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމަލީ ސިފަ ޖައްސައިދޭނަން، ކަންބޮޑު ނުވޭ. އަޅުގަނޑަށް ސާފު ދިއްދޫ ރައްޔިތުން ނިންމާނެ ގޮތް. އަޅުގަނޑަށް އެނގޭ މި ރޫޅާނުލެވޭނެކަން." ރައީސް ވިދާޅުވި އެވެ.