ބޮޑެތި ބަލިތަކުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހޭ މީހުންނަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ކުރުމުގެ ހުރިހާ ހަރަދެއް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން "35-18" ގެ ނަމުގައި ޖޭޕީން ރާޅުގަނޑުގައި ބޭއްވި ހަރަކާތަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ، ބޮޑެތި ބަލިތައްކަށް ފަރުވާ ހޯދަން ޖެހޭ ޒުވާންނާއި އެނޫން ވެސް އުމުރުފުރައިގެ މީހުންނަށް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ކަމަަށެވެ. އަދި ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ފަރުވާއަށް ދާނަމަ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސަވަައިދެެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް އެހީތެރިއަކަށް ދާނެ ހަރަދާއި ތިބުމުގެ ހަރަދާއި ޑޮކްޓަރަށް ދެއްކުމުގެ ހަރަދާއި ގޭގެ ހަރަދާއި ކެއިންބުއިމުގެ ހަރަދާއި ހުރިހާ އެއްޗެއް އަޅުގަނޑުމެންގެ ސަރުކާރުން ފޯރުކޮށްދޭނެ،" ގާސިމް ވިދާޅުވި އެވެ.

ރާޅުގަނޑު ސަރަހައްދުގައި ރޭ ޖޭޕީ އިން ޒުވާނުންނަށް ހާއްސަކޮށް ބޭއްވި ކެމްޕެއިން ހަރަކާތް

ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަލިތަކަށް ފަރުވާކުރެވޭނެ ނިޒާމު ހަމަޖައްސާނެ ކަމަަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން ގާސިމްގެ ވެރިކަމުގެ ތިންވަނަ އަހަރު ފެށިގެންދާއިރު ނުވަތަ ދެވަނަ އަހަރު ފެށިގެންދާއިރު އެ ވަސީލަތްތައް ގާއިމްކޮށް ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގުލުން ދިވެހިން ސަލާމަތް ކޮށްދެއްވާނެ ކަމަަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެ ކަމަށެވެ. ހުރިހާ ޒުވާނުންނަށް ވެސް ކުރެވޭނެ މަސައްކަތްތަކާ ވަޒީފާ ލިބޭނެގޮތް ހަމަޖެހެނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުވާނުން ތަނަވަސް ބަޔަކަށް ހެދުމަށްޓަކައި ގާސިމްގެ ސަރުކާރެއްގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމްއަކީ މިހާރު ވެސް ބޭސްފަރުވާގެ ކަންކަމުގައި ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ.