ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރަގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ހިލްޓަން ކުންފުންޏަށް ދައްކަން ޖެހޭ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ނުދައްކައިގެން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އަށް ވަޑައިގެންވިތަނާ ސިންގަޕޫރުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ދޮގު ހަބަރު ފެތުރީ އިދިކޮޅު ވާދަވެރީން ކަމަށް ސިޔާމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.
ސިޔާމް މިރޭ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް މީޑިއާތަކުގައި ފަތުރަމުން ދިޔައީ ދޮގު ހަބަރެއް ކަމަށެވެ.
ސިޔާމް ވަނީ ރާއްޖޭގެ މީޑިއާ ތަކުންވެސް ހަބަރުތައް ގެނެސްދީފައިވާ ގޮތާއި މެދު ވަރަށް ބޮޑަށް ހިއްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ސިޔާމް ވިދާޅުވީ އޭނާ ސިންގަޕޫރުގައި ހިފެހެއްޓި ކަމަށް ބުނެ އަޑު ފެތުރީ ޓްވިޓަގައި ދަ ޑިމޮކްރެޓްސް އަށް ތާއިދު ކުރާ ހަސަން ކުރުސީ ކިޔާ އެކައުންޓަކުން ކަމަށެވެ. ހަގީގަތާ ހިލާފު ވާހަކަ ދެއްކުމަކީ ވާދަވެރިން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ހިލްޓަން ކުންފުންޏަށް ދައްކަން ޖެހޭ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ސިންގަޕޫރު އާބިޓްރޭޝަނުން ކުރި ހުކުމާއި އެއްގޮތަށް 3 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.
އެފައިސާ ހުކުމާ އެއްގޮތަށް ސަން ކުންފުނިން ދައްކަމުން ނުވާތީ ހިލްޓަން އިން ވަނީ ސިންގަޕޫރު ހައިކޯޓަށް ހުށަހަޅަފަ އެވެ. އެމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހުވެސް ކުރިއަށް ދިޔަ އެވެ.
މިއަދު ހެނދުނު 8:00 ގައި ސިންގަޕޫރު ހައިކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި ނިންމާފައި ވަނީ ސަން ކުންފުނިން ދައްކަން ޖެހޭ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
މި މައްސަލައަކީ ނ. އިރުފުށި ހިންގުން ހިލްޓަންއަށް ދިނުމަށް ސަން ކުންފުނިން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކުރުމާ ގުޅިގެން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓަރޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާބިޓަރޭޝަނުން 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް އަމުރުކުރި މައްސަލަ އެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ.