ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 މިލިއަން ރުފިޔާގެ އަގުހުރި ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އިދާރާއިން އަތުލައިގަތީ 2،020 ގުރާމު ނުވަތަ 2.02 ކިލޯގެ ބަރުދަން ހުރި މަސްތުވާތަކެތި ކަމަށެވެ.

އެ ތަކެތި ރާއްޖެއަށް ގެނައީ ކުރިއާ މެދުވެރިކޮށް އިނގިރޭސިވިލާތުންނެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ގެނައި ޕެކޭޖުގައި ހުރި ދެ ޕެކެޓެއްގެ ތެރެއިން މަސްތުވާތަކަތި ކަމަށް ޝައްކުވާ ތަކެތި ފެނުމާ ގުޅިގެން ފުރަތަމަ މަރުހަލާގެ ތަހުލީލުތައް ހަދާފައިވެ އެވެ.

އެ ތަހުލީލުތަކުން ފެނުނު ގޮތުގައި އެތަކެއްޗަކީ މެފެޑްރޯންއެވެ.

އެ ތަކެތި ޕެކުކޮށްފައިވާ ޕެކިންއާއެކު ޖުމްލަ ބަރުދަނުގައި 2،020 ގްރާމް ހުރިއިރު އެއީ މަގުމަތީގެ އަގުން ބަލާނަމަ، 3.6 މިލިއަން ރުފިޔާގެ އަގު ހުންނާނެ ތަކެތިކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އެތަކެތި މިހާރު ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.