ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކުރިން ބުނެފަ އެވެ.

ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު އިއްޔަ އަށް ވަނީ ހަމަވެފައެވެ. އެހެންވެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަސް އަދީބު ވަނީ އެދިވަޑައިގެންފަ އެވެ.

ކަރެކްޗަނަލް ސާވިސްއިން ބުނީ އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކިހާ ދުވަހެއް ކަމެއް ކރެކްޝަންސްއަކުން ހާމައެއް ނުކުރެ އެވެ.

ކަރެކްޝަންސް އިން ބުނީ އަދީބުގެ ބެސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅަފައިވާ ލިޔުންތައް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށާ އެލިޔުންތައް ދިރާސާ ކޮށް ނިމުމުން ތަފްސީލް ހާމަ ކުރަނެ ކަމަށެވެ.

އަދީބު ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކަށް ބެލުމަށްފަހު ގޮތެއް ނިންމާނީ މެޑިކަލް ބޯޑުން ކަމަށް ކަރެކްޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ގައިދީންނަށް މީގެ ކުރިންވެސް ކަރެކްޝަންސް އިން ދޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެ ނަމަ އެމުއްދަތު އިތުރުކޮށްދެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.