ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ފަރާތުން ފޮނުވި ފަރީއްކޮޅަކާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހަވާލުވި ކަމަށް ކުރެވޭ ތުހުމަތުގައި ބަލަން ފެށި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މަހާޒްގެ މައްސަލައެއް ބަލަންފެށީ 2021 ވަނަ އަހަރު ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ދުވަހު ރައީސް ޔާމީންގެ ސަޕޯޓަރަކު ފޮނުވި މެންދުރުގެ ފަރިއްކޮޅަކާ މަހާޒް ހަވާލުވުމުންނެވެ.އެދުވަހުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.

އެ ފަރީއްކުޅާ ހަވާލުވި ކަމަށް ބުނެ ހުށަހެޅި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޖޭއެސްސީން ވަނީ ބަލަން ފަށަފަ އެވެ. އެހެން ނަމަވެސް އެއީ އަމިއްލަ ޚަރަދުގައި ބޭއްވި ކެއުމެއް ކަމަށް ފަނޑިޔާރު މަހާޒް ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެމައްސަލައާއި ގުޅިގެން ޖޭއެސްސީން ބުނީ ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ އަދި އެދުވަހު ގެނައި ފަރިއްކޮޅަކީ މަހާޒް އަމިއްލަފުޅު ހަރަދުގައި އޯޑަރުކޮށްގެން ގެނައި އެއްޗެއްކަން ސާބިތުވާ ހެކި ލިބިފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

އެކަމާ ގުޅިގެން ޓުވިޓާގައި ފަނޑިޔާރު މަހާޒް އާންމު ކުރެއްވި ބަޔާނެއްގައި ވަނީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން އިންސާފުން ކުރިއަށްގެންގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ.

މަހާޒް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ދިގުލައިގެން ދާތީ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާ އެކު މެންދުރު ކާނެ އެއްޗެއް އަމިއްލަ ޚަރަދުގައި ގެންނަ ކަމަށެވެ.

އެގޮތުން ދައުރުވަމުން އައިސް މިދިޔަ އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހު ތަނަކަށް އޯޑަރުކޮށްގެން ކާއެއްޗެއް ގެނައީ އޭނާ ކަމަށް މަހާޒް ވިދާޅުވި އެވެ.