ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރިކަމަށް ތުހުމަތުކޮށް ސަސްޕެންޑުކޮށްފައި ހުރި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ހދ. ޖުޑީޝަރީގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކުރީ މިދިޔަ މެއި މަހު އެވެ.

އޭނާ ސަސްޕެންޑު ކުރީ ޖޭއެސްސީން ހޯދަފައިވާ މައުލޫމާތުތަކާ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްތަކަށް ރިއާޔަތްކޮށެވެ.

ޖޭއެސްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމް މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ މަގާމުން ވަކިކުރަން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާކަމަށް އޭނާ އަމިއްލައަށް އިއުތުރާފުވެފައި ވާތީ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ޝަރީއަތުގެ ބޭރުން މެސެޖުކޮށް ރަހުމަތްތެރިކަން ބޭއްވުމަށާއި އެކި ވާހަކަތައް ދައްކާ އަދި ދެމަފިރިކަމުގެ ޒާތީ ގުޅުމުގެ މައުލޫމާތާއި އެނޫންވެސް ޒާތީ މައުލޫމާތު ހިއްސާކޮށްފައިވާކަން ތަހުގީގަށް ލިބިފައިވާ ސްކްރީން ޝޮޓްތަކުން އެނގޭ ކަމަށެވެ.

ޖޭއެސްސީން ބުނީ އެކަމަށް އަލީ އާދަމް އިއުތިރާފު ވެސް ވެފައިވާ ކަމަށާއި އެ މެސެޖްތައް ހުރިގޮތަށް ބަލާއިރު އެއީ ނުރަނގަޅު މަގުސަދެއް އޮވެގެން، އެ ހަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ކުރި މެސެޖްތަކެއް ކަން ސާބިތުވާ ކަމަށެވެ.

އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފައިވާކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.