ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިއްހީ ހާލަތާމެދު އެ ޕާޓީގެ މެމްބަރުން ވިސްނައިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަތަކަކީ ފިތުނާގެ އިތުރުބޮޅެއް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ރައްދުދެއްވައިފި އެވެ.

ޑިމޮކްރެޓުންގެ ހަރުގޭގައި ރޭ އޮތް ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަކީ ކޮންމެ ދުވަހަކު ހެނދުނު "މުށެއް ފުރާ ބޭސް" ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާ ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ވެރިކަމަކީ ޒުވާންކަމުގައި ކުރެވޭނެ ކަމެއް. އެއީ ޒުވާންކަމުގެ ރޫހުގައި ކޮށްދެވޭނެ މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހުއަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނު މިހާރު މުސްކުޅި ވެއްޖެ ކަމަށެވެ.

"ރައީސް ސޯލިހަށް ދަންނަވާލަން އޮތީ މަނިކުފާނު މުސްކުޅިވެއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މުސްކުޅިވެ ގައިބާރު ދޫވީމާ އަރިސް ބޭފުޅުން ލައްވާ ވެރިކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ގައުމަށް ރައްޔިތުންނަށް ކުރާނެ މަންފާއެއް އެކަމުން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

މިވާހަކަތަކަށް ރައްދު ދެއްވާ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އަދިވެސް ފެންނަނީ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން ދައްކަވަން ފެއްޓެވި ތާކުންތާކު ނުޖެހޭ ބަހަނާތަކުގައި އުޅުއްވާ މަންޒަރު ކަމަށެވެ. އަދި ރައީސް ސޯލިހާ ގުޅުވާ ފިތުނަވެރި ވާހަކަތައް ފެތުރުމުގައި ނަޝީދު މިހާރު ވަޑައިގެންފައިވާ ދަރަޖާމެދު ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރައިމަރީއިން ބަލިވީމާ ކާމިޔާބުކުރި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކިފާޑުގެ ތާކުންތާކުނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅަކު އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފަތުރަމުންދާ ފިތުނައިގެ އިތުރު ބޮޅެއް. އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަ ކުރަން،" މިއުވާން ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ވާދަކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވުމާ ގުޅިގެން ނަޝީދު ވަނީ އެމަނިކުފާނާއި ދެކޮޅަށް ނިކުންނަވައި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ވެސް ހައްދަވައިގެން އުޅުއްވާފަ އެވެ. ނަމަވެސް ފަހުން ނަޝީދުގެ އަރިސް ބޭފުޅުންތަކެއް ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމާއެކު ވަނީ އެމްޑީޕީ ދޫކޮށް އެ ޕާޓީ އަށް ބަދަލުވެފަ އެވެ.