އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބެލުންތެރިންނަށް ގެނެސްދޭ ދެ ވަނަ ފިލްމު "ނިނާ"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މިފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އެވެ.

އައި ފިލްމްސްއިން ޕްރޮޑިއުސްކޮށް އިއްލެ ޑައިރެކްޓް ކުރާ މިފިލްމަކީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތް ދައްކުވައިދޭ ފިލްމެކެވެ.

އައި ފިލްމްސްއިން ބުނީ ފިލްމުގެ ޓިކެޓް އޮލިމްޕަހުގެ ކައުންޓަރުން ގަންނަން ލިބުމުގެ އިތުރަށް ހޮޓްލައިން ނަމްބަރު 7242555 އަށް ގުޅައިގެން ނޯޓް ވެސް ކުރެވޭނެ ކަމަށެވެ.

ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ "ނީނާ" ގެ ޓައިޓަލް ރޯލުން ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެންދާއިރު މިފިލްމުގައި ދެން ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ނަތާޝާ ޖަލީލު އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ ފަދަ ތަރިން ހިމެނެ އެވެ.

"ނީނާ"އިން ނުޒޫގެ ތިން ލުކެއް ފެނިގެންދާއިރު މިފިލްމުގެ ޓްރެއިލާއިންބެލުންތެރިން ނޭވާ ހިފަހައްޓާލަންޖެހޭ ތަފާތު ކަންތައްތަކެއް ފެނިގެންދެ އެވެ.

މިފިލްމަކީ މިއަހަރު އެންމެ އުންމީދު ކުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭ ސިޓީގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގަ އެވެ.