ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އަންނަ މަހުގެ 28 އަށް އިތުރުކޮށްދީފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފައި ވަނީ ސިއްހީ ފަރުވާ ހޯދުމަށް އަދީބަށް ދިން މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ދިރާސާ ކުރުމަށް ފަހު ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްދީފައިވާ ކަމަށެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކުރިން ބުނެފަ އެވެ.

ބޭސްފަރުވާއަށް އަދީބަށް ދިން 10 ދުވަހުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފައެވެ. އެހެންވެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އަދީބު ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ގައިދީންނަށް މީގެ ކުރިންވެސް ކަރެކްޝަންސް އިން ދޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެ ނަމަ އެމުއްދަތު އިތުރުކޮށްދެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.