ކުރީގެ ރައީސް ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން އައު މައްސަލައެއް އަނެއްކާވެސް ހުށަހަޅައިފިި އެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުށަހެޅި މައްސަލަ ބަލއިނުގަނެ ޖެހިގެން އައި ދުވަހު ވަނީ ބޭރުކޮށްލާފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ.

އެހެންވެ، އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޔާމީންގެ ގާނޫނީ ވަކީލުން ވިދޅާުވެ އެވެ.

އެމައްސަލާގައި އެދިފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންދަނީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަވަހަށް ޝަރީއަތްކޮށް މައްސަލަ ނިންމޭނޭ ހައްގު ނުލިބޭ ގޮތަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ހައިކޯޓުގައިވާ މައްސަލައިގެ އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.

ރައީސް ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ނިހާއީ ހުކުމެއް ނައިސް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

ޕީޕީއެމް އިން އިއްޔެ ބުނެފައި ވަނީ ހައިކޯޓުން ގޮތެއް ނުނިންމި ނަމަވެސް ޔާމީން އިންތިހާބަށް ކުރިމަތިލުމުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

އީސީން އެ ކެންޑިޑެސީ ބަލައިނުގެންފި ނަމަ، ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު ލިބިގެންވެ އެވެ. އެހެންވެ، އެހާލަތަށް ގޮސްފި ނަމަ، ބެލެވޭ ގޮތުގައި އެކަމުގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.