ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެރިކަން ލިބިވަޑައިގެންނެވީ އޭގެ ކުރިން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް ނާސިރު ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އަމިއްލަފުޅަށް ވެރިކަން ދޫކުރެވުމުންނެވެ.
ވެރިކަން ދޫކުރެއްވި އިރު އެމަނިކުފާނުގެ ގާތް ތިމާގެ އެއްވެސް ބޭފުޅަކަށް ވެރިކަން ހޯއްދަވައި ދެއްވަން އުޅުއްވާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ނާސިރު ވެރިކަން ދޫކުރެއްވީ މައުމޫނަށް ވެރިކަމަށް އާދެވޭނެ ހުރިހާ މަގެއް ފަހިކޮށް ދެއްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުން އޭރު ގެންދިޔައީ އެމަނިކުފާނު ވެރިކަން ދޫކޮށް ނުލެއްވުން އެދި އާދޭސް ދަންނަވަމުންނެވެ.
މައުމޫނު ވެރިކަމަށް ގެންނެވުމަށް ނާސިރު ނިންމެވީ މައުމޫނުގެ ގާބިލުކަން ވަޒަން ކުރެއްވުމުގެ ގޮތުން އެތަކެއް ޓެސްޓްތަކެއް ކުރެއްވުމަމަށް ފަހު ރާއްޖޭގެ ވެރިކަމަށް އެކަށޭނަ ބޭފުޅެއްކަމުގެ ޔަގީންކަން ހޯއްދަވައިފަ އެވެ.
ނާސިރުގެ އިތުބާރާ ޔަގީންކަމާއެކު ހަވާލުކުރެއްވި ވެރިކަމުގައި މައުމޫނު ހިފުމަށްފަހު ފުރަތަމަ ވެސް ކުރެއްވި ކަމަކީ އާއިލާގެ ގާތް ބޭބޭފުޅުން ވެރިކަމުގެ ބާރުގަދަ މަގާމުތަކަށް ގެންނެވުމެވެ. އާއިލާގެ އެންމެ ގާތް ބޭފުޅުން ފިޔަވައި މައުމޫނު ދެން ގާތް ކުރެއްވީ އެކުގައި ކިޔަވަން އުޅުއްވި އިތުބާރު ހުރި ގާތް ބޭފުޅުންނެވެ.
މައުމޫނުގެ ވެރިކަން ފަސް އަހަރުން ފަސް އަހަރުން ދިގު ދެމިގެން އައިއިރު ރައްޔިތުންގެ ތާއީދުކުޑަވަމުން ދިޔަކަމުގައި ވިޔަސް ވެރިކަން ދޫކޮށްލައްވަން އެންމެ ބޮޑަށް ފަސްޖެހިވަޑައިގެންނެވި އެއް ސަބަބު ކަމަށް ގިނަ ބަޔަކު ގަބޫލުކުރީ ވެރިކަން އާއިލާ އިން ބޭރަށް ދާން އެމަނިކުފާނު އެދިވަޑައި ނުގަތުމެވެ. އާއިލާއަށް ވެރިކަން ދޫކޮށް ލައްވަން ބޭނުންވި ކަމުގައި ވިޔަސް މައުމޫނަށް ޖެހިވަޑައިގެންނެވީ ކާމިނީގެ އާއި އެންދެރިމާގޭގެ އާއިލީ ކޯޅުމެއްގެ ތެރޭގައި ތާށިވެވަޑައިގެން ހުންނަވާށެވެ.
އެމަނިކުފާނު އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވި ގޮތް ކަމަށްވާ އުފަން ބޭފުޅަކާ ހަވާލުކުރައްވައިފައި ވެރިކަމުން ފައިބައި ވަޑައިގެންނެވުމުގެ ހުވަފެންފުޅު ހަގީގަތަކަށް ނުވީ އެންމެ ދޮށީ ބޭފުޅުންނަކީ އަންހެން ބޭފުޅުންނަށް ވެފައި އޭރުގެ ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން އަންހެން ރައީސެއް ރައްޔިތުން ބަލައިނުގެނފާނެތީ އެވެ. އެހެން ކަމުން ފިރިހެން ބޭފުޅުން ވެރިކަމަށް ކުފޫ ހަމަވާ ވަރަށް ބޮޑުފުޅުވެ ފުރާ ފުރިހަމަ ވަންދެން ވެރިކަމުގައި ހުންނަވަން ކުރެއްވި މަސައްކަތް އެންމެ ފަހުން ނިމިދިޔައީ ރައްޔިތުންގެ މާޔޫސްކަން އިންތިހާއަށް ގޮސް އެމަނިކުފާނަށް އޮތް ތާއީދު ގެއްލިގެންނެވެ.
ރައީސް މައުމޫނަށް 2008 ވަނަ އަހަރު ވެރިކަން ގެއްލިވަޑައިގެންނެވުމަށް ފަހު ވެސް ރައީސް މައުމޫނު ގެންދަވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މުހިންމު ރޯލެއް ކުޅުއްވަމުންނެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަށް ކުރިއެރުމެއް ނުލިބި އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ހުލިވަމުންނެވެ. ރާއްޖޭގެ ރައްޔިތުންގެ ބޮޑުބައެއްގެ ތާއީދާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅަކާ ބަލައި، މައުމޫނުގެ ސިޔާސީ ހަރަކާތް އޮއްސެން ދިމާވާ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ފެންނަނީ އާއިލީ ވެރިކަމަކަށް މަގު ފަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެވެ.
ސިޔާސީ ހަރަކާތް މަޑުމަޑުން ހުލިވެ ޕާޓީގައި 3،000 މެންބަރުން ހަމަނުވާ ހިސާބަށް ގޮސްފައިވަނިކޮށް ރައީސް މައުމޫނު މިވަނީ އެމަނިކުފާނުގެ ސިޔާސީ ހުވަފެންފުޅު ހަގީގަތަކަށް ހެއްދެވުމުގެ އެންމެ ފަހުގެ ފިޔަވަޅު ނަންގަވައިފަ އެވެ. ކޮންމެ ވެސް އެއްބޭފުޅަކު ވެރިކަމަށް ގެންނެވުމަށް ކުރައްވާ އުންމީދުގައި ދޮށީ ދަރިކަލުން ފާރިސް މައުމޫނު މިހާރު މިވަނީ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިކުންނަވާފަ އެވެ.
ފާރިސް ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ބޭނުންވާ ސޮއި ހޯއްދެވުމުގެ މަސައްކަތް ފަށްޓަވަފައިވާއިރު މައުމޫނުގެ އާއިލާ ވަނީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ. ދޮށީ ދެ ދަރިކަނބަލުންގެ ތެރެއިން ދުންޔާ މައުމޫނު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގަ އެވެ. ޔުމްނާ މައުމޫން ހުންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ފަހައްޕުޅުގައި ސާބިތުވެ އެވެ. ޣައްސާނު މައުމޫނަކީ ޕީޕީއެމްގެ އިސް ލީޑަރެކެވެ.
އަމިއްލަ ޕާޓީއަށް މާބޮޑު ސިޔާސީ ބަރުދަނެއް އުފުލޭ ފަދަ ހަކަތައެއް ނެތި އާއިލާގެ ވޯޓު ވެސް ލިބެން ނެތް ދަނޑިވަޅެއްގައި ފާރިސް މައުމޫން ވެރިކަމަށް ކުރިމަތިލެއްވުމުން މައުމޫނުގެ ސިޔާސީ ހުވަފެންފުޅަށް ކޮންމެވެސް ވަރެއްގެ ކުލައެއް އައިސްދާނެ އެވެ. އެހެން ނަމަވެސް ފާއިތުވި ދައުރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވައި ފެއިލްވި ފާރިސް މައުމޫނަށް ރިޔާސީ އިންތިޚާބުގައި މައުމޫނުގެ ހުވަފެން ހަގީގަތާ ކައިރިއަށް ވެސް ގެންދެވޭނެ ކަމަކަށް ނުފެނެއެވެ.
މިހާރު އެއުޅުއްވަނީ އިނަތިޚާބަށް ކުރިމަތި ލައްވަން ބޭނުންވާ 1500 ސޮއި ހަމަނުކުރެއްވިގެންނެވެ.