އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި އެވެ.

އެމްއާރުއެމް އިން ބުނެފައި ވަނީ އެ ޕާޓީ އިން ރިޔާސީ އިންތިހާބަށް ނިކުންނަނީ ބޭނުންވާ މެމްބަރުން މިމަހުގެ 27 ވަނަ ދުވަހުގެ ކުރީން ޕާޓީއަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެމްއާރުއެމް އިން ރިޔާސީ ކެންޑިޑޭޓަކުނެރެން ޕްރައިމަރީ އަށް ހުޅުވާލާފައިވާ އިރު އެޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމަވާ އެކަމުގެ މަސައްކަތް ފަށާފައެވެ.

ފާރިސް އިންތިހާބުގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެމްއާރުއެމްގެ އޮފިޝަލަކު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެމްއާރުއެމް އުވާލިކަމުގައިވިޔަސް އެޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެމްއާރުއެމް އިން ބުނެ އެވެ.

އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.

އެމައްސަލަ އެމްއާރުއެމް އިން ކޯޓަށްވެސް ހުށަހެޅި އެވެ.

އެމްއާރުއެމް އުވާލަން އީސީ އިން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކުރީ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.

އެ މައްސަލަ އެމްއާރުއެމް އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެމްއާރުއެމް އިން އެދިފައި ވަނީ ޕާޓީ އުވާލުމަށް އީސީ އިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި އެމްއާރްއެމް އުވާލުމާ ގުޅޭގޮތުން ނުވަތަ ކޮމިޝަންގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރާ ކަމަށެވެ.

އެމްއާރުއެމްއިން ބުނެފައި ވަނީ ޕާޓީ އުވާލުމާ ގުޅޭ އެހެން މައްސަލައެއް 30 ދުވަހުގެ ތެރެގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެހެންވެ ކޯޓުން އީސީގެ މައްޗަށް އަމުރު ނެރެފައި ވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޕާޓީ އާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.

އެހެންވެ އެނިންމުން މަޑުޖައްސާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިވިލް ކޯޓުގައި އެދިފަ އެވެ.