ގިނަ އަދަދެއްގެ ކަސްޓަމަރުން ވަޓްސްއެޕް ދޫކޮށް އެހެން ޕްލެޓްފޯމްތަކަށް ބަދަލުވާތީ، ޕްރަވެސީ ޕޮލިސީ އަޕްޑޭޓްކުރުން ލަސްކޮށްފި އެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭގައި، މަޝްހޫރު މެސެޖިން ޕްލެޓްޕޯމް ވަޓްސްއެޕުން ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ކަސްޓަމަރުންނަށް އަޕްޑޭޓް ފޮނުވަން ފަށާފަ އެވެ. މި އަޕްޑޭޓްގައި ޓާމްސް އޮފް ސާވިސް އަދި ޕްރައިވެސީ ޕޮލީސީ އަށް ބަދަލުތަކެއް ގެނެސް ވަޓްސްއެޕް ބޭނުންކުރާ މީހުންގެ މައުލޫތާއި، ފޯންނަންބަރު އަދި ލޮކޭޝަން ވަޓްސްއެޕްގެ ޕޭރެންޓް ކުންފުނި ފޭސްބުކްއަށް ހިއްސާކުރުމާމެދު އިއުތިރާޒެއް ނެތް ކަމަށް ކަސްޓަމަރުން އެއްބަސްވާން ޖެހެ އެވެ. މިކަމަށް އެއްބަސް ނުވެއްޖެނަމަ އެމީހެއްގެ އެކައުންޓް ފެބްރުއަރީ 8 ގެ ފަހުން ޑިލީޓްކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި އަޕްޑޭޓް މިހާރު ވަނީ މެއި 15 އަށް ލަސްކޮށްފަ އެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯސަލް މީޑީއާގައި ނުރުހުން ފާޅުކޮށް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދުމަށް ފޭސްބުކު އިން ކުރަމުންދާ މިފަދަ ކަންކަން ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި ވަޓްސް އެޕް ދޫކޮށް އެހެން އެންކްރިޕްޓެޑް މެސެޖިން ޕްލެޓްފޯމްތަކަށް ބަދަލުވުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ. މީގެ ތެރޭގައި މަޝްހޫރު ބިލިއަނަރު އީލޮން މަސްކް ވެސް ހިމެނެ އެވެ. މިއާއެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިގްނަލް އަދި ޓެލެގްރާމް ބޭނުންކުރާ މީހުން ބޮޑުތަނުން އިތުރުވެގެން ދިޔަ އެވެ.
ވަޓްސްއެޕުން ހުކުރު ދުވަހު ނެރުނު ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ވަޓްސްއެޕްގެ އަޕްޑޭޓާ ގުޅިގެން ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑު އޮޅުންތަކެއް އަރާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކަސްޓަމަރުންނަށް އޮޅުންފިލުވައި ދޭން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
ވަޓްސްއެޕުން ބުނީ އެ އެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު އެ މީހުންގެ މައި ކުންފުނި ފޭސްބުކްއާ ހިއްސާކުރަނީ ކަސްޓަމަރުންނަށް އޭގެއިން އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށެވެ. އަދި މިކަމުގެ ސަބުބުން ލިބިދޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް ބުނެފައިވެ އެވެ.
ވަޓްސްއެޕުން އިތުރަށް ބުނީ އެމީހުން ބޭނުންކުރާ ޓެކްނޮލޮޖީއަކީ އެންޑް ޓު އެންޑް އެންކްރިޕްޝަން ކަމަށާއި މީގެ މާނައަކީ ކަސްޓަމަރުން ފޮނުވާ މެސެޖް އަދި އެހެން އެއްވެސް އެއްޗެއް ވަޓްސްއެޕަކަށް ވެސް އަދި ޕޭރަންޓް ކުންފުނި ފޭސްބުކްއަށް ވެސް އަދި އެހެން ބަޔަކަށް ވެސް ބަލައި ނުހެދޭނެ އެވެ. އަދި މީގެ އިތުރުން ވަޓްސް އެޕުން ކަސްޓަމަރުންގެ ކޯލް ލޮގްތަކާއި، މެސެޖް ލޮގް އަދި ކަސްޓަމަރުންގެ ލޮކޭޝަން ވެސް ބަލައި ނުހަދާ ކަމަށާއި އަދި ފޭސްބުކްއާ ހިއްސާ ވެސް ނުކުރާ ކަމަށް ބުނެފައިވެ އެވެ.
ވަޓްސްއެޕުން އެންމެ ފަހުން އަޕްޑޭޓެއް ފޮނުވާފައިވަނީ 2016 ވަނަ އަހަރުގަ އެވެ. އެ ފަހަރުގެ އަޕްޑޭޓްގައި ފޭސްބުކްއާ ކަސްޓަމަރުންނަށް މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ އިހްތިޔާރު ދީފައިވެ އެވެ. ނަމަވެސް މިފަހަރުގެ އަޕްޑޭޓްގައި މި ފުރުސަތު ކަސްޓަމަރުންނަށް ދީފައި ނުވެ އެވެ.
ވަޓްސްއެޕުން ބުނީ އެކުންފުނިން އެންމެ ކުރީއްސުރެން މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށެވެ. އަދި މިއީ މިހާރު ވެސް ކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށް ބުނެފައިވެ އެވެ. - ސީއެންއެން