ދަ ޑިމޮކްރެޓްސްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ "ލާމަރުކަޒީ ބަދަލު" އަދި "މުޅި ރާއްޖެ މަޖިލީސް" ސިޔާސަތު މިރޭ އިފްތިތާހްކޮށްފި އެވެ.

ލާމަރުކަޒީ ބަދަލު ސިޔާސަތުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރިކުރުވުމާއި މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް ރާއްޖޭގެ އާބާދީ ސަރަހައްދުތަކަށް ބަހައިލުމަށް ބާރު އެޅުމެވެ. މީގެ އިތުރުން ވެރިރަށް މާލެ ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަށް ބާރުއެޅުމަށް މީހުންނަށް މާލީ އެހީ އާއި ބޯހިޔާވަހިކަން ދިނުމަށް ޕްރޮގްރާމެއް ފެށުމަށް "ލާމަރުކަޒީ ބަދަލު" ސިޔާސަތުގައި ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ ބައެއް ސަރަހައްދުތައް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކޮށް އުމްރާނީ ތަރައްގީތައް އާބަން ސެންޓަރުތަކަށް ފަހިކޮށްދިނުމަށް ވެސް މިސިޔާސަތުގައި ހިމަނާފައިވެ އެވެ.

ކައުންސިލްތައް ބާރުވެރިކުރުވުމަށް ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ކަށަވަރުވާނެހެން ރަށު އަދި އަތޮޅު އިހުތިސާސްގެ ހަމަތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ވެސް މި ސިޔާސަތުގައިވެ އެވެ. ދަރަނި ނެގުމުގެ އުސޫލާއި މިންގަނޑު ގާނޫނުއަސާސީގައި ކަނޑައެޅުމުގެ އިހުތިޔާރާއި ބާރު ކައުންސިލްތަކަށް ހޯދައިދިނުމަށް ވެސް ހިމަނާފައިވެ އެވެ.

ރަށްރަށުން ނަގާ ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އެ ރަށަކަށް ލިބޭ ގޮތަށާއި އަތޮޅުގައި އޮންނަ ރިސޯޓުތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބޭ 50 އިންސައްތަ އެ އަތޮޅެއްގެ ގްރީން ފަންޑަށް ލިބޭ ގޮތަށް ވެސް މި ސިޔާސަތުގައިވެ އެވެ. މީގެ އިތުރުން ވެސް ކައުންސިލްތައް ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް މިސިޔާސަތުގައި ބަޔާން ކޮށްފައިވެ އެވެ.

މީގެ އިތުރުން "މުޅި ރާއްޖެ މަޖިލިސް" ސިޔާސަތުގެ ދަށުން މުޅި މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމާ ކުދި ދާއިރަތަކުގެ ބަދަލުގައި މުޅި އަތޮޅުން މެމްބަރުން އިންތިހާބު ކުރުމަށް މިސިޔާސަތުގައި ބަޔާންކޮށްފައިވެ އެވެ.

އަތޮޅުތަކުންނާއި މާލެއިން އިންތިހާބު ކުރާ ޖުމްލަ ގޮނޑީގެ އަދަދު 55 އަށް ކަނޑައެޅުމާއި އަންހެނުންނަށް ހާއްސަ އުތުރު، ހުޅަނގު، ދެކުނު އަދި މެދު ރާއްޖޭގެ ޖުމްލަ 8 ގޮނޑި ކަނޑައެޅުމަށާ ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް މުޅި ރާއްޖެއިން 2 ގޮނޑި ހާއްސަކުރުމަށް ވެސް މި ސިޔާސަތުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދައުރުގެ މެދުތެރެއިން މެމްބަރަކު އިންތިހާބުކުރާ އިލޮކްޓްރޭޓްގެ ރައްޔިތުންނަށް ފެނިއްޖެ ނަމަ މެމްބަރުންގެ ރިކޯލް ވޯޓު ނެގޭނެ ގޮތެއް ގާނޫނުގައި ކަނޑައެޅުމަށް މިސިޔާސަތުގައި ހިމަނަފައިވެ އެވެ.