މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ފުޅަނދު ބުރާއި ގިނަ ކުޅިވަރު ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު މިއަހަރުގެ މިނިވަން ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވޭ ހަރަކާތްތައް ރޭގައި ފަށާފައިވާއިރު، ފުޅަނދު ބުރުގެ އިތުރު ގިނަ ހަރަކާތްތަކެއް މިއަހަރު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ މާލޭގެ މަގުތަކުގައި ބާއްވާ ފުޅަނދުބުރުގައި މި ފަހަރު 13 އިދާރާއަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މި ހަރަކާތުން ފެންނަ ފުޅަނދުތައް ދައްކާލަން ހުޅުމާލެ ސެންޓަރަލް ޕާކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން އާބަންކޯއާ ގުޅިގެން "މިނިވަން އުފާ ކާނިވާ" އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ 3 ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. އެ ކާނިވާ ހުޅުވުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހަވާ އެރުވުން އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ "މިނިވަން އުފާ" ނަމުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހެވިކަމާއި ކުޅިވަރުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން މިރޭ ގަލޮޅު ދަނޑުގައި މިހަރަކާތް ކުރިއަށްދާއިރު، މިހަރަކާތުގައި ގިނަ ސްކޫލުތަކަކުން ބައިވެރިވެފަ އެވެ.

މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ކުރިން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި، މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވެސް މިނިވަން ދުވަހުގެ ހަރަކާތްތައް ބާއްވާނެ އެވެ. އަދި އެ ކުޅިވަރުތައް ނުވަ ދުވަހަށް ދެމިގެންދާނެ ކަމަށް ބުންޏެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގަލޮޅު ދަނޑުގައި ބޭއްވި ކުޅިވަރު ހަރަކާތްތައް.-- ފޮޓޯ: މިހާރު

މިނިވަން ދުވަހުގެ ހަރަކާތްތައް

• މިރޭ ގަލޮޅު ދަނޑުގައި ސްކޫލް ކުދިންގެ އައިޓަމްތަކާއި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް.

• ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑް.

• ބުރާސްފަތި ދުވަހުގެ ރޭ މަޖީދީ މަގާއި ސޯސަން މަގާއި މެދުޒިޔާރަތް މަގުގައި އަދި ހުޅުމާލޭގައި ފުޅަނދު ބުރު.

• ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން.

• ހުކުރު ދުވަހުން ފެށިގެން އަންނަ މަހު 4 އަށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ހުޅުމާލޭގައި ކާނިވަލެއް.