ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާ އަދި ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި ހުންނެވި ޑރ. މުސްތަފާ ލުތުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފި އެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި ޑރ. މުސްތަފާ އަށް އެ އިއްޒަތް އެރުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޑރ. މުސްތަފާއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް ރައީސް ސޯލިހު އެރުއްވީ ޑރ. މުސްތަފާ އަކީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅަކަށް ވުމާއި، ރާއްޖެ މިއަދު މި ދެކޭ ތައުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައްޔާއި، މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކާއި، ތައުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ. އަދި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވެސް ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ދިވެހި ދައުލަތުގެ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންނެވި ޑރ. މުސްތަފާ ލުތުފީއަށް ރައީސް ސޯލިހު މިއަދު އަރުވަނީ. ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޖަލްސާގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ޑރ. މުސްތަފާ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށާއި، ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ ތައުލީމީ ހާލަތު ރަނގަޅު ކުރެއްވުމަށް ތައުރީފް ހައްގު މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ރައީސް، ޑރ. މުސްތަފާއަށް ދިވެހި ދައުލަތުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވި އެވެ.